02 Apr 2015, 15:56
މޯލްޑިވްސް ބޮޑީ ބޯޑިންގް އެސޯސިއޭޝަން (އެމްބީބީއޭ) އިންތިޒާމް ކޮށްގެން މިހާރު ކުރިއަށް ގެންދާ ބުރުނު ޝިކާރު ބޮޑީ ބޯޑިންގް ޗެލެންޖްގެ ޑްރޮޕް ނީ ޑިވިޝަނުން އަޔާޒް، ޝާމް، ކުޑަ އައްޔަ އަދި ޗިއްކޮ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އަޔާޒް އާއި ޝާމް އެ މުބާރާތުގެ ޑްރޮޕް ނީ ޑިވިޝަނުން ފައިނަލަށް ދަތުރު ކުރީ މުބާރާތުގެ ޑްރޮޕް ނީ ޑިވިޝަންގެ ސެމީފައިނަލްގައި ވާދަކޮށް ހީޓް އެކެއްގެ އެއްވަނަ އާއި ދެވަނަ މަގާމް ހޯދައިގެނެވެ. އެ ހީޓުގައި އާޔާޒް އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ ޝާމް އެވެ. އަދި އެ ހީޓުގައި ވާދަކުރި ތިންވަނަ ބޯޑަރު، ގޫފީ މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.
އަޔާޒް އާއި ޝާމްގެ އިތުރުން، ކުޑަ އައްޔަ އާއި ޗިއްކޮ މުބާރާތުގެ ޑްރޮޕް ނީ ޑިވިޝަންގެ ފައިނަލަށް ދަތުރު ކުރީ އެ ކެޓަގަރީގެ ސެމީފައިނަލްގެ ހީޓު ދޭއްގައި ނާޒިމްއާ ވާދަކޮށް، އެއްވަނަ އަދި ދެވަނަ މަގާމް ހޯދައިންނެވެ. އެ ހީޓުގެ އެއްވަނަ މިދިޔަ އަހަރުގެ އެންމެ މޮޅު ބޮޑީ ބޯޑަރުގެ މަގާމް ހާސިލްކުރި ކުޑަ އައްޔަ ހޯދިއިރު، ދެވަނަ ހޯދީ ޗިއްކޮ އެވެ. އަދި ތިންވަނައަށް ދިޔަ ނާޒިމް މިހަރު ވަނީ މުބާރާތުން ކަޓާފައެވެ.
މިއަހަރު ބުރުނު ޝިކާރު ބޮޑީ ބޯޑިންގް ޗެލެންޖަށް އަލަށް ތައާރަފް ކުރި ޑްރޮޕް ނީ ޑިވިޝަންގެ އިތުރުން، އެ މުބާރާތުގެ ޕްރޯން ކެޓަގަރީން ސެމީއަށް ދަތުރު ކުރި އަށް ބޯޑަރުންވެސް މިހާރު ވަނީ ފައިނަލް ވެފައެވެ. މުބަރާތުގެ ޕްރޯން ކެޓަގަރީން ސެމީއަށް ދަތުރު ކޮށްފައިވާ ބޯޑަރުންނަކީ ކުޑަ އައްޔަ، އިމާދް، ޝާމް، ލޯބި، ރަޔާން، ޗިއްކޮ، ގޫފީ އަދި ޖާއްޓެ އެވެ.
އެ މުބާރާތުގެ ސެމީއަށް ޝާމް އާއި ގޫފީ ދަތުރު ކުރީ މުބާރާތުގެ ކުއާޓާގެ ފުރަތަމަ ހީޓުގައި އެއްވަނަ އާއި ދެވަނަ ހޯދައިންނެވެ. އެ ހީޓުގެ ތިންވަނަ ހޯދި ނާޒިމް މިހާރު ވަނީ މުބާރާތުން ކަޓާފައެވެ. ކުއާޓާގެ ދެވަނަ ހީޓުގައި ވާދަކޮށް، ކުޑަ އައްޔަ އާއި ރަޔާން ސެމީއަށް ދަތުރު ކުރީ އެ ހީޓުގެ އެއްވަނަ އަދި ދެވަނަ ހޯދައިންނެވެ. އަދި އެ ހީޓުން ތިންވަނަ ހޯދި އަޔާޒް މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.
ޖާއްޓެ އާއި ޗިއްކޮ ޕްރޯން ޑިވިޝަންގެ ސެމީއަށް ދަތުރުކުރީ ކުއާޓާގެ ތިންވަނަ ހީޓުގެ އެއްވަނަ އަދި ދެވަނަ ހޯދައިގެންނެވެ. އަދި އެ ހީޓުން ތިންވަނަ ހޯދި ނާނު ނަބީލް މުބާރާތުން ކެޓިއިރު، ކުއާޓާގެ ހަތަރުވަނަ ހީޓުގެ އެއްވަނަ ލޯބި ވަނީ ހޯދާފައެވެ. އެ ހީޓުގެ ދެވަނަ ހޯދީ އިމާދް އެވެ. އެ ހީޓުގެ ތިންވަނަ ބައިވެރިޔާ، އަރޫ ރޯސް ޑިސްކޮލިފައިވީ ވާދަކުރަން ހާޒިރު ނުވުމުންނެވެ.
ބުރުނު ޝުކާރު ބޮޑީ ބޯޑިންގް ޗެލެންޖުގެ ޕްރޯން ޑިވިޝަންގެ ސެމީފައިނަލް ހީޓުތައް މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ޑްރޮޕް ނީ ޑިވިޝަންގެ ފައިނަލް ހީޓު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.
ވޭތުވެދިޔަ ދެ އަހަރުވެސް އެމްބީބީއޭއިން ތްރީ ސްޓަރ އިވެންޓެއްގެ ގޮތުގައި ބުރުނު ޝިކާރު މުބާރާތް ސީޒަން އޯޕަނިންގް އިވެންޓެއްގެ ގޮތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިދިޔަ ދެ އަހަރުވެސް އެ މުބާރާތުގެ ޗެންޕިއަންކަން ހޯދީ މިދިޔަ އަހަރުގެ އެންމެ މޮޅު ބޮޑީ ބޯޑަރުގެ މަގާމް ހޯދި އަލީ ޚުޝްރުވާން (ކުޑަ އައްޔަ) އެވެ.