02 Apr 2015, 15:49
މުއާސަލާތީ ކުންފުނި، ދިރާގުގެ އެހީގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އެ އެސޯސިއޭޝަންގައި ކިޔަވާ ކުދިންނަށް ޚާއްސަކޮށް "އިންޑޯ ޕްލޭ އޭރިޔާ" ގެ ނަމުގައި އިންޑޯ ޕާކެއް ހުޅުވައިފި އެވެ.
އެ ޕާކު ހުޅުވާފައި ވަނީ މާފަންނު ވީބީމާޓު ހުންނަ އިމާރާތުގައި، އޯޓިޒަމް އެސޯސިއޭޝަން ހިންގަމުން އަންނަ ދެވަނަ ފަންގިފިލާގަ އެވެ. އެ އިމާރާތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕާކު ހުޅުއްވައިދެއްވީ ދިރާގުގެ ޑިރެކްޓާ މާކެޓިން އަހުމަދު މައުމޫން އާއި އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފާން ހުސައިން އެވެ.
ޕާކު ހުޅުއްވައިދެއްވުމަށްފަހު މައުމޫން ވިދާޅުވީ އެ ޕާކު ހުޅުވާފައި ވަނީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށާއި ކުޑަކުދިން ހިމާޔަތްކުރުމާއި އެކުދިންގެ ކަންކަމުގައި އެހތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން އެ ޕާކުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާހިތް ވަނީ އޯޓިޒަމް އެސޯސިއޭޝަންގައި އެ ކުދިންނަށް ހުނަރު އުނގަންނައި ދެމުންދާ އިރު މި ޕާކުގެ ސަބަބުން އެ ކުދިންގެ ހުނަރަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނަކީ އެއްގޮތަކަށް ވެސް ބައްޔެއް ހުންނަ ކުދިން ނޫން ކަމަށާއި އެ ކުދިންނަށް ތަފާތު ހުނަރުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ހުނަރުތައް މުޖުތަމައަށް ނެރެ، އެކުދިންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ހުރިހާ ފަރުދުންގެ ޒިންމާއެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފާން ހުސައިން ވިދާޅުވީ އެ އެސޯސިއޭޝަންގައި ކިޔަވާ ވަރަށް ގިނަ ކުދިންނަށް ފައިދާ ހުރި ކަންތައްތަކެއް އެ ޕާކުގެ އެހީގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިއަދު ހުޅުވި ޕާކުގައި ކުދިންނަށް ކުޅެ މަޖާކުރެވޭނެ ތަފާތު ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ.