ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރައީސް ކުރިއަށް ގެންދަވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ފަރާތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ސޮއިކޮށް މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިހާރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދަނީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާ ގޮތަށް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބޭ ޑިމޮކްރަޓިކް އުސޫލުތައް ލިބޭ ޑިމޮކްރަޓިކް އުސޫލުތައް އެކުލެވޭ ޖަވާބުދާރީވާ އަދި ހާމަކަން ބޮޑު ގޮތަށް ނޫން ކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަށް ދެމުންދާ އިންޒާރުތައް ތަހުގީގު ކުރާ ފަރާތްތަކުން ބަލަމުން ނުދާކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އެ މެމްބަރުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވެފައިވޭތޯ ބައްލަވަމުން ނުދާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ ޖަލްސާތައް ވަގުތުން ބްރޯޑްކާސްޓު ކުރުމަށް ހުއްދަ ދެއްވުމާއި އުނިއިތުރެއް ގެނައުމެއް ނެތި ބްރޯޑްކާސްޓިން ފޯރުކޮށްދެއްވުމާ ރިކޯޑިން ފޯރުކޮށްދެއްވުމަށް އަދި ކްލޯޒްޑް ސާކެޓު ކެމެރާ މެދުވެރިކޮށް މަޖިލީހުގެ އިމާރާތުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ފެންނާނެ ގޮތް ހެއްދެވުމަކީ މަޖިލީހުގެ ރައީސް ކުރަންޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް އެސިޓީގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވާއިދާ އެ މަޖިލީހުގެ ހުރުމަތާ ގަދަރު ހިފެހެއްޓުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށް އެ ސިޓިގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނާނެ ފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެކަމެއް ހުއްޓުވުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް ވެސް އެމްޑީޕީން މަޖިލީހުގެ ރައީސަށް ހުށަހެޅި ސިޓީގައި ބުނެފައިވެ އެވެ.

އިތުރަށް ސިޓީގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައި ގަވާއިދާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތް ހެއްދުމަށް އެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށުނު ފަހުން ވެސް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ، މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް، ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވަަމުންނެވެ.