02 Apr 2015, 14:37
އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯގެ ކޯސްތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ކޯސްތަކާ ގުޅޭ ގޮތުން އިސްކަންދަރުކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯގެ ޑައިރެކްޓަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ ފުލުހުންގެ ފަރާތުން ހިންގާ އެކި ކޯސްތަކުގެ އަމާޒު މިހާރު ހިފާފައިހުރީ ޕޮލިސް ތެރޭ ކުރިއަށްގެންދާ ޑިޕްލޮމާ ފެންވަރުގެ ކޯސްތައް އާންމުފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިއުމަށް ކަމަށެވެ.
އެގޮތުން ޑިޕްލޮމާ އިން ޕޮލިސިން އާއި ޑިޕްލޮމާއިން ކްރިމިނަލް އިންވެސްޓިގޭޝަން އާއި ޑިޕްލޮމާ އިން ފޮރެންސިކް އިންވެންސްޓިގޭޝަން ހިމެނޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.
"އެހެން ކިޔަވައިދޭ ދާއިރާތަކަށް ވުރެ އަޅުގަނޑުމެން މަސައްކަތް ކޮށްފައި މިއޮތީ ހެޔޮ އަގުތަކެއްގައި އަޅުގަނޑުމެންނަށް މި ކޯސްތައް ހިންގޭނެ ގޮތަށް،" ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ، މިހާރު ވިސްނުން ހުރީ ފުލުހުންގެ ވަޒީފާއަށް ވަންނަ ފަރާތްތަކަކީ ކިޔަވައިގެން ތިބި އެންމެ މަދުވެގެން ވެސް ޑިޕްލޮމާ ލެވެލްއަށް ކިޔަވާފައި ތިބި ބަޔަކަށް ހެދުމަށް ކަމަށެވެ.
"މިފަދަ ކޯސްތަކުގައި އާންމުން ބައިވެރިވެ އަޅުގަނޑުމެންނާއެކީގައި ސާދަ މަސްދުވަސް ނުވަތަ އަހަރެއް ހޭދަކޮށްފިނަމަ އެއީ އެކުދިންނަށް ހާއްސަކޮށް ފުލުހުންގެ މުއައްސަސާއަށް، ފުލުހުންގެ ހިދުމަތަށް ގުޅެން ބޭނުންވާ ކުދިންނަށް ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ،" ނަވާޒު ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރާއި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހިންގި ކޯސްތަކާއި ގުޅޭ ގޮތުން ނަވާޒު ވިދާޅުވީ، މިދިޔަ އަހަރުތެރޭ ލީޑަޝިޕް އެންޑް މެނޭޖްމަންޓްގެ 50 ކޯހަކާއި އިންސާވިސް ހަ ކޯހަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއު) އިން އެޕްރޫވް ކޮށްފައިވާ ހަތަރު ކޯހަކާއި އެސޯސިއޭޓެޑް ޑިގްރީ ކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ދެ ކޯހާއި ސެޓްފިކެޓް ތިނެއްގެ ކޯހެއް ހިމެނޭ ކަމަށެވެ.
މީގެއިތުރުން ޕޮލިސް އެކަޑަމީގެ ފަރާތުން 23 ކޯހަކާއި އިންސާވިސް 21 ކޯހަކާއި އެމްކިއު އިން އެޕްރޫވް ކޮށްފައިވާ ދެ ކޯހަކާއި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯހަކާއި ސެޓްފިކެޓް ލެވެލްގެ އެކެއްގެ ކޯހެއް ހިމެނޭ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކޯސްތަކުގައި 1392 ބައިވެރިއަކު ލީޑަޝިޕް އެންޑް މެނޭޖްމަންޓުން ހިންގި ކޯސްތަކުގައި ބައިވެރިވެފައިވާއިރު، އޭގެތެރެއިން 1350 ފަރާތެއް ގުރެޖުއޭޓްވެފައިވާ ކަމަށެވެ. އަދި އެކަޑަމީގެ ފަރާތުން ހިންގި ކޯސްތަކުގައި 981 ފަރާތުން ބައިވެރިވެފައިވާއިރު ގުރެޖުއޭޓުވެފައިވަނީ 902 ފަރާތް ކަމަށެވެ.
ނަވާޒު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އައި އިރު ލީޑަޝިޕް އެންޑް މެނޭޖްމަންޓްގެ ފަރާތުން ޑިގްރީ ލެވެލްގެ ކޯހަކާއި އެސޯސިއޭޓް ޑިގްރީ ކޯހަކާއި ޑިޕްލޮމާ ލެވެލްގެ ކޯހެއް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
އެކޯސްތަކުގައި 149 ބައިވެރިއަކު ހިމެނޭ ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި އެކަޑަމީގެ ފަރާތުން ތިން ކޯހެއް ހިންގާއިރު، ރެކްރޫޓް ޓްރެއިނިން ބެޗާއި ޕަބްލިކް އޯޑާ ޓްރެއިނިން ކޯހެއް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.