02 Apr 2015, 14:24
ސެޓްލްމެންޓް އެގްރީމެންޓުގެ ދަށުން ސަރުކާރުން ދީފައިވާ ކ.މާދިއްގަރު ފަޅާއި ކ. ކަނުހުރާ އަތުލި މައްސަލައިގައި ވިލާއިން ކުރާ ދައުވާގައި އެދިފައިވާ ވަގުތީ އަމުރު ނުނެރެފިނަމަ ސީދާގޮތުން އެކުންފުންޏަށް ގެއްލުންވާނެ ކަމަށް ވިލާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވިލާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވީ، ވިލާއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގައިވާގޮތުން ޓޫރިޒަމް މިނިސްޓްރީގެ ލިޔުމެއް ނެތި ތިން ވަނަ ފަރާތަކަށް އެ ދެ ފަޅު ދިނުމަކީ ވިލާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ބިޑުނުކޮށް އެ ރަށްތައް އެހެން ބަޔަކާ ހަވާލުކުރުމަކީ ޓޫރިޒަމް މިނިސްޓްރީއަށް އެ އެއްބަސްވުމުގެ ދަށުން ލިބިގެންވާ ބާރެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ވިލާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވީ، ވަގުތީ އަމުރު ނުނެރެފިނަމަ، ހުކުމް ކުރެވޭއިރު އެ ފަޅުތައް ނުހުރެދާނެ ކަމަށެވެ. އެހެންކަމުން ހުކުމް ކުރެވޭއިރު ހުކުމުގެ މަގުސަދު ހާސިލު ނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، ވިލާއިން ކޮށްފައިވާ ދައުވާގެ މައުޟޫ އާއި ވަގުތީ އަމުރުގައި އެދިފައިވާ ކަންކަމަކީ އެކައްޗެއް ކަމަށެވެ.
ވަގުތީ އަމުރާ މެދު ގޮތެއް ނިންމާއިރު، ދައުވާ ކުރާ ފަރާތަށް ލިބޭ ގެއްލުންތަކަށް ރިއާޔަތްކުރާ ފަދައިން ވަގުތީ އަމުރު ނެރެފިނަމަ ދައުލަތަށް ލިބޭ ގެއްލުންތަކަށް ވެސް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ހައިކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުމަށްފަހު ދެ ފަރާތަށް ލިޔުމުން އަންގާނެ ކަމަށެވެ.
ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާ ފަޅު ވިލާއަށް ދީފައި ވަނީ ސަރުކާރުން އެކުންފުންޏަށް ދިނުމަށް އެއްބަސްވި ހދ. ހަނިމާދޫގެ ބިމުގެ މައްސަލައާ ގުޅިގެން 9.2 މިލިއަން ރުފިޔާ ވިލާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެފައިސާ ސަރުކާރަށް ދެއްކެން ނެތުމުންނެވެ.
އެ ދެ ފަޅު ދިނުމުގެ އިތުރުން އެ ފައިސާގެ ބަދަލުގައި ވިލާއިން ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ ބައެއް ވެސް ވަނީ މައާފްކޮށްދީފައެވެ.