02 Apr 2015, 13:49
ހަފްތާއަކު 100000 ޕައުންޑް ލިބޭގޮތަށް ކޮންޓްރެކްޓް އާކުރުމަށް އިނގިރޭސި ޕްރިމިއަ ލީގު ކްލަބް ލިވަޕޫލުން ހުށަހެޅުމުން އެޓީމުގެ ޒުވާން ފޯވާޑް ރަހީމް ސްޓާލިންއަށް އެއަށް ނޫނެކޭ ބުނެފި އެވެ.
ކިއުޕީއާރުން 2010 ވަނަ އަހަރު ލިވަޕޫލާ ގުޅުނު، މިހާރު އުމުރުން 20 އަހަރުގެ ފޯވާޑް ބީބީސީއަށް ބުނީ، އޭނާއަކީ ފައިސާއާ ހެދި އުޅޭމީހެއް ނޫންކަމަށާއި، މިވަގުތު ކިތަންމެ ބޮޑު ހުށަހެޅުމެއް ލިބުނު ނަމަވެސް މި ސީޒަން ނިމުމުގެ ކުރިން އެކަމާ ނޫޅޭނެ ކަމަށެވެ.
"އަހަރެން ބޭނުންވަނީ ފައިސާއެއް ނޫން. އަހަރެން ވާހަކަ ދައްކަން ބޭނުންވަނީ އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ކިތައް ޓްރޮފީ ކާމިޔާބުކުރެވިދާނެތޯ،" ސްޓާލިން ބުންޏެވެ. "އަހަރެން ބަލާކަށް ބޭނުމެއް ނޫން، އަހަރެން ދުއްވާނީ ކިތައް ކާރުތޯ، އަހަރެންގެ މިލްކިއްޔާތުގައި ކިތައް ގެ ހުރިތޯ."
ސްޓާލިން ބުނީ އޭނާގެ ވިސްނުން މިވަގުތު ހުރީ، ފުޓްބޯޅައިގައި ކުރިއަށް ދެވޭނެ އެންމެ ކުރިއަށް ދިއުން ކަމަށެވެ.
ކާޑިފް ސިޓީއާ ވާދަކޮށް 2012 ވަނަ އަހަރުގެ ލީގު ކަޕް ކާމިޔާބުކުރިފަހުން ލިވަޕޫލަށް މިހާތަނަށް ޓްރޮފީއެއް ހާސިލްކުރެވިފައެއް ނުވެއެވެ. އެހެން ކަމުން އެޓީމު އިތުރަށް ވަރުގަދަކުރުމަށް ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ރޮޖާސް ބުނެފައިވަނީ، ފެބްރުއަރީ މަހުގެ ތެރޭގައި ސްޓާލިންއަށް ވަރަށް "ބޮޑު ހުށަހެޅުމެއް" އެ ކްލަބުން ދީފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު ސަމަ ޓްރާންސްފާއަށް ހަމައަށް މަޑުކުރުން ގޮތެއް ނެއްކަމަށެވެ.
މިހާރުވެސް ހަފްތާއަކު 35،000 ޕައުންޑްގެ ފީއެއް ލިބޭ ކޮންޓްރެކްގައި ބާކީ ދެއަހަރު އޮތްއިރު، ސްޓާލިން ބުނީ، އޭނާއަކީ ފައިސާގެ ފަހަތުން ދުވާ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ބޭނުންވަނީ، ކްލަބަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރާ، އަދި ފުޓްބޯޅައިގައި ކުރިއަށްދާ ކުޅުންތެރިއެއްގެ ގޮތުގައި ހުރުން ކަމަށެވެ.
ލިވަޕޫލްގެ ހުށަހެޅުމަށް ސްޓާލިން ނޫނެކޭ ބުނެފައިވާއިރު، އޭނާގެ ސޮއި ހޯދުމަށް މެންޗެސްޓާ ސިޓީއާއި، އާސެނަލްގެ އިތުރުން ރެއާލް މެޑްރިޑުންވެސް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސި ގައުމީޓީމަށް ވެސް މިހާތަނަށް 14 މެޗު ކުޅެދީފައިވާ ސްޓާލިން ބުނީ، އޭނާ މިސީޒަންގައި މިހާރު އަމާޒުހިފާފައި ވަނީ، ލިވަޕޫލަށް މިފަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދިނުން ކަމަށެވެ.