ބަކަރި ކަތިލާ ވާހަކަ ބުނެފިނަމަ ހަނދާނަށް އަންނަނީ ކުއްޖަކަށް ނަން ކިޔުމުގެ މުނާސަބަތެވެ. ނުވަތަ އީދެއް ފަދަ އިސްލާމީ އުފާވެރި މުހިންމު ދުވަހެކެވެ. ނަމަވެސް މިއަދު މަންޒަރު ތަފާތެވެ. އެހެން ހާއްސަ މުނާސަބަތަކާއި ގުޅިގެން ބަކަރި ކަތިލަނީ އެވެ. މި ފަހަރު މިނިވަންކަމުގެ އުފަލުގަ އެވެ. ދިވެހި ގައުމަށް، ދިވެހީންނަށް ލިބިފައިވާ މިނިވަންކަމަށް ޓަކައި ޝުކުރުވެރިވެ، އެކަމުގެ އުފަލުގަ އެވެ.

މިއަދުގެ އިރުއެރީ މި ތައްޔާރީތަކާ އެކުއެވެ. ދޯނިދޯނީގައި ބަކަރިތައް ގެނެސް މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ކޮއްޓަށް ބަކަރިތައް ވަނީ ލާން ފަށައިފައެވެ. އަދިވެސް ގެންނަނީއެވެ. އެސަރަހައްދަށް ވަނީ އިތުރު ފޯރިއެއް އައިސްފައެވެ. އެތައް ބަޔަކު ހޭލަމޭލާވެ އުޅެނީ ފޯރީގައެވެ. ދެ އީދު އެއްފަހަރާ އައިސްގެން އުޅޭ ހެން ވެސް ހީވެ އެވެ.

މިނިވަން 50 ފާހަގަ ކުރުމަށް ވަމުންދާ ތައްޔާރީތައް-- ސަން ފޮޓޯ: އަލީ ނަސީރު

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވޮގޮތުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތުގައި މި ރޭ ބާއްވާ ޖަމާއަތުގައި އެ ތަނުގައި ކުރާ އިޝާ ނަމާދަށް ފަހު މިނިވަންކަން މިންވަރުކޮށްދެއްވީތީ ޝުކުރު އަދާކުރަން ދުއާއެއް ކުރުން އޮންނާނެ އެވެ. އެއަށްފަހު 150 ބަކަރި ކަތިލުމަށް ނިންމާފައިވާއިރު އެސަރަހައްދަށް ހާޒިރުވާ އެންމެންނަށް ވެސް ސަދަގާތުގެ ގޮތުގައި ބަކަރިމަސް ބަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރޭ 6:45 އިން ފެށިގެން މީހުން ޖަމާވާ ގޮތަށް ހަމަޖެހިފައި މިއޮތީ، ތައްޔާރީތައް މިއޮށްދަނީ ފިސާރި ފޯރިއާ އެކު ކުރިއަށް" މުއާޒު ވިދާޅުވިއެވެ.

ބޮޑު ޖަމާއަތުގައި ނަމާދު ކުރާ ސަރަހައްދު ވެސް ތައްޔާރު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ދެއެވެ. މުޅި ސްޓޭޑިއަމް ސަރަހައްދު ވަނީ ހުދާއި ރަތް އަދި ފެހީގެ ކުލަތަކުން ގައުމީ ކޮށްފަ އެވެ. ވުޟޫ ކުރެވޭނެ އިންތިޒާމް އެސަރަހައްދުގައި ހަމަޖައްސާފައިވާއިރު ގިނަ ބަޔަކަށް ނަމާދު ކުރެވޭނެހެން ސަތަރިއަޅައި ޒީނަތްތެރި ކުރަމުންދަނީއެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ހާއްސަ ދުވާއެއް ކުރަން ނިންމާފައިވާއިރު ދުރުގައި ތިބޭ ފަރާތްތަކަށް އަޑުއިވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސަރަހައްދުގައި ބޮޑެތި ސުޕީކަރުތައްވެސް ދަނީ ބަހައްޓަމުންނެވެ. ކެރޭނުތަކާއި އެތައް ބަޔަކު އެމަސައްކަތުގައި ފޯރިއާއެކު އެބަ ހަރަކާތްތެރިވެއެވެ.

ހެނދުނުއްސުރެ އެތައް ބަޔަކު އެސަރަހައްދަށް ވަނީ ޖަމާވެފައެވެ. އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވަނީ ބަކަރިތަކަށެވެ. ބަކަރިތަކާ އެކު އެތައް ހާސް ބަޔަކު ސެލްފީ ވެސް ނަގައިފި އެވެ. ބަކަރިތައް ބަނޑުބޮޑުވާ ވަރަށް ފަތް ކާންދީފި އެވެ. މެންދުރުގެ ގަދަ އަވީގައި މީހުން އެކަމަށް ދިން ސަމާލުކަމާއި އެފެންނަ ފޯރިން މިރޭގެ ފޯރި ކިތަންމެހާ ވެސް ރަނގަޅަށް ސިފަ ވެއެވެ.

މިނިވަން ގައުމީ އުފަލުގައި މިރޭ އެޖަމާއަތައް ދިއުމަށް ހުރިހާ ދިވެހިންނަށް ދައުވަތު ދީފައިވާއިރު ބަކަރި މަސް ލިބޭނެ ކަމުގެ ޔަގީންކަން އެބަލިބެއެވެ. މާދަމާ އަކީ މީރު ކެއުންކާ ހުކުރު ދުވަހަށް ވުމާއި ގިނަ ބަޔަކު އެމަހެއް ކެއުމަށް ލޯބި ކުރާ ބަކަރި މަސް ލިބުމަކީ ބޮޑު އުފަލެއް ކަމުގައި ނޫނީ ނުވާނެ އެވެ.

ބައެއް ފަރާތްތަކުން މިރޭ ބާއްވާ ހަރަކާތަށް ފާޑު ކިޔަމުންދިޔަ ނަމަވެސް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިހް އާދަމް ޝަމީމް އިބްރާހިމް ވިދާޅުވިގޮތުގައި މިނިވަންކަމުގެ އުފާފާޅުކުރުމަށް އަޅުކަމެއް ކޮށް މާތް ﷲ އަށް ދުއާކޮށް ޞަދަގާތް ކުރުމަކީ ބިދުއައެއް ނޫނެވެ.

"ނައަމްސޫފި ކަތިލުން. ނާއަމްސޫފި ކަތިލުމަކީ އޭގެ ޒާތުގައި ޝަރުއީ ގޮތުން ހުއްދަ ކަމެއް. އަދި އެއީ އަޅުކަމެއް. އެ އަޅުކަން ވަކިދުވަހަކަށް، ވަކިވަގުތަކަށް ވަކި ކަމަކަށް ހާއްސަކުރެވިފައެއް ނެތް. އޭގެ މާނައަކީ ކޮންމެ މީހަކު ކޮންމެ އުފަލެއްގައި ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރު އަދާކުރުމުގެ ގޮތުން ހަމަ ކަތިލަންވީ،" ޝައިޚް ޝަމީން ވިދާޅުވި އެވެ.

ޝުކުރު ހައްގު ހެޔޮ ކަމަކާ ގުޅިގެން އުފާފާޅުކުރުމަށް އާންމުކޮށް ލިބިފައިވާ ހުއްދައާ އެއްގޮތްވާ ގޮތުގެމަތީން އަޅުކަމެއްކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުއާކޮށް ޞަދަގާތްކޮށް ހެދުމަކީ ބިދުޢައެކޭ ނުބުނެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކޮންމެ އަކަސް މިނިވަން 50 ގެ އުފާ ފާޅުކުރުމަށް މިރޭ ބާއްވާ ހަރަކާތަށް ވެސް ގިނަބައެއްގެ ސަމާލުކަމާއި ތަރުހީބު މިވަނީ ލިބިފައެވެ. ތައްޔާރީތައްވެސް ދަނީ ބާރަށް ކުރިއަށެވެ. ދިވެހީންނަށް މި ލިބިފައިވާ ގައުމީ މިނިވަންކަމަކީ ޝުކުރުކުރުން ހައްގު ކަމެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.