ރައްޔިތުންގެ މަޖިލީހުގެ އަލަށް ހަދާ 13 ބުރީގެ އިމާރާތް ނުނިމި ލަސްވެގެން ދަނީ މަޖިލީހުން ނިންމަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށް އެ އިމާރާތުގެ މަސައްކަތް ކުރަމުން އަންނަ ރަޝީދު ކާޕެންޓްރީ އެންޑު ކޮންސްޓްރަކްޝަން (އާރްސީއެންސީ) އިން ބުނެފި އެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ވިޝާމް މިއަދު "ސަން" އަށް ވިދާޅުވީ އިމާރާތަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން ވެސް މަޖިލީހުން ބޭނުންވާ ކަމަށެވެ. އަދި މަޖިލީހުން "އެޕްރޫވް ހޯދަންޖެހޭ ކަންކަން ފޮނުވާފައިިވާ ކަމަށާއި ބައެއް ކަންކަމުގެ އެޕްރޫވް ލިބެމުން" އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަންނަނީ މަސައްކަތް ކުރަމުން. މަސައްކަތެއް ހުއްޓައެއް ނުލަން. މަސައްކަތް ދަނީ ހަމަ ކުރިއަށް. އެހެންނަމަވެސް މި ދެންނެވިހެން މަޖިލީހުން އެޕްރޫވް ކުރަންޖެހޭ ބައެއް ހުރުމުން ލަސްވެގެން މިދަނީ. ދެން ހަމަ މަޖިލީހުން މިއަދުވެސް ހުރިހާ ކަމެއް އެޕްރޫވް ކޮށްފި ނަމަ ކުރިއަށް ދެ މަހެއްހާ ދުވަހެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ މަސައްކަތް ނިންމާލެވޭނެ. އެޕްރޫވް ކުރަންޖެހޭ ކަންކަމުގެ ތެރެއިން ބައެއް ކަންކަން އަންނަނީ އެޕްރޫވް ވަމުން." ވިޝާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ބުނެފައި ވަނީ މަޖިލީހުގެ އާ އިމާރާތުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މަޖިލީހުން ބުނީ އަލަށް ހަދާ 13 ބުރީގެ އިމާރާތުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިހާރަށް ވުރެއް ހަލުވި ވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އާ އިމާރާތުގެ މަސައްކަތް 111 މިލިއަން ރުފިޔާ އަށް އާރްސީއެންސީ އަށް ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.