މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި ގުޅޭ ސިޔާސަތުތަށް ތަންފީޒުކުރުމާއި ނެޝަނަލް ޑްރަގް އެޖެންސީ ހިންގުން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާ އިއްޔެ އާންމުކޮށްފައިވާ ސިޓީއެއްގައި ބުނެފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި ގުޅޭ ސިޔާސަތުތަށް ތަންފީޒުކުރުމާއި ނެޝަނަލް ޑްރަގް އެޖެންސީ ހިންގުން، ރައީސް އަބްދުﷲ ޔާމީން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައި ވާ ކަމަށާއި އިއްޔެއިން ފެށިގެން އެކަމާ ބެހޭ ހުރިހާ ކަމަކަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވާނީ ހޯމް މިނިސްޓްރީން ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ ދަށުން ނެޝަނަލް ޑްރަގް އެޖެންސީއަކީ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީއާ ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވާނިން ބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު ވަނީ ހަމަޖައްސަވާފައެވެ.