ރ. ވަންދޫ ހާބަރު ކަނޑުތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މަސައްކަތް ކުރުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މޯލްޑިވްސް އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓް (އެމްއީއެމްޕީ) ގެ ބޭނުމަށް ކުރެވުނު އިއުލާނުގައިވާ މަސައްކަތުގެ ސްކޯޕަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބަދަލުގެންނަން ނިންމާފައި ވާތީ އެ އިއުލާނަށް ލިބިފައިވާ ބީލަންތައް ބާތިލްކޮށް، އެ މަސައްކަތަށް ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން މިމަހު 22 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 02:00 އަށް ފިނެންސް މިނިސްޓްރީން ކަމަށެވެ. އަދި ބީލަން ފޮތްތައް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ،.

އޭގެ އިތުރުން ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 70،000 ރުފިޔާ ހުށަހަޅުއްވަންވާނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 119 ދުވަސް ކަމަށް ފިނޭންސް މިނިސޓްރީން ބުންޏެވެ. އަދި ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެކަމަށެވެ.

ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ހަލާސް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔު ރިޕޯޓް) ބީލަމާއެކު ހުށަހަޅަން ޖެހޭނެކަމަށާއި އެ ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ފަސް ދުވަހަށްވުރެ އިތުރުނޫން ތާރީހެއްގެ ލިޔުމަކަށެވެ.

އެ މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި ވޯލްޑްބޭންކު ގައިޑްލައިންއާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.