02 Apr 2015, 11:53
ނައިޖީރިއާގައި މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެގައުމުގެ ކުރީގެ ޖެނެރަލް މުޙައްމަދު ބުހާރީއަށް ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ ބުހާރީއަށް މަރުހަބާ ވިދާޅުވެ، ރައީސް ޔާމީން މެސެޖެއް ފޮނުއްވާފައިވާ ކަމަށެވެ.
ބުހާރީގެ ޒަޢާމަތުގައި، ނައިޖީރިޔާގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއާއި ނައިޖީރިޔާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ނައިޖީރިއާގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންފައިވާ މުހައްމަދު ބުޚާރީ އަކީ އަސްކަރީ ތައުލީމާއި ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ކުރީގެ ޖެނެރަލެކެވެ. އޭނާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެގައުމުގެ މިހާރުގެ ރައީސް ގުޑްލަކް ޖޮނަތަން އާ ވާދަ ކުރައްވައިގެންނެވެ. އޭނާ މަގާމުގެ ހުވައި ކުރައްވާނީ އަންނަ މޭމަހުގެ 29 ވަނަ ދުވަހުއެވެ.
ނައިޖީރިއާގައި އެގައުމުގެ ސަރުކާރާ ހަނގުރާމަ ކުރަމުންދާ ބޯކޯ ހަރާމް ޖަމާއަތް ބަލި ކުރައްވާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.