ތިމާވެއްޓަށްދޭ ގެއްލުންތަކުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައުލަތަކަށް ލިބެންޖެހޭ 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯދާފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވި ހައުސިން މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ "އެމްވީ އެމަރަލްޑް ރީފާ" ނަމަކަށް ކިޔާ ބޯޓު ސ. މުލިކެޑެ ފަރަށް އެރުމާ ގުޅިގެން 42،183،950 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ ސްޓެލްކޯގެ ތެޔޮހޮޅިއެއް ފަޅައިގެން ގޮސް ޓްރެކް ސަރަހައްދަށް ތެޔޮ އެޅުމާ ގުޅިގެން 3،340،580 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާއިރު، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެ ފައިސާތައް ހައުސިން މިނިސްޓްރީން ހޯދާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެހެންކަމުން އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅައި އޭގެ ތަފްސީލު އޮޑިޓް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވައިދިނުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

އެއިރުގެ ހައުސިންގް މިނިސްޓަރަކީ މުހައްމަދު އަސްލަމެވެ.