21 Feb 2011, 15:20
ސްކޫލް ހުޅުވިގެން ދެ މަސް ދުވަސްވެފައިވާ އިރު، ހދ. ކުމުންދޫ ސްކޫލަށް ހަމަޖައްސާފައި ހުރި ޕްރިންސިޕަލް ސުކޫލަށް ނުނިކުންނެވުމުން އެ ރަށު ރައްޔިތުން ނުކުމެ ރަށު ސްކޫލާއި އޮފީސް "ހިސޯރުކޮށްފި" އެވެ.
ކުމުންދޫން ވާހަކަ ދެއްކި މީހަކު ބުނީ މަގާމުގެ މައްސޫލިއްޔަތު އަދާނުކޮށް ވަޒީފާއަށް ނުނުކުންނެވުމުން ޓީޗަރުން މަދުވެ ސްކޫލުގެ ކަންތައްތައް ބޮއްސުންލާފައިވާ ކަމަށާއި އަދި އެ މައްސަލަ އެޑިއުކޭޝަނަށް ހުށަހަޅައިގެން ވެސް ހައްލެއް ނުލިބުމުން ރައްޔިތުން ނުކުމެ ރަށު ސްކޫލާއި އޮފީސް ބަންދު ކުރީ ކަމަށެވެ.
އެ ރަށު ސްކޫލަށް ހަމަޖައްސާފައި ހުރީ އެ އަތޮޅު ކުޅުދުއްފުށީ މީހެއް ކަމަށް ވެސް ކުމުންދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ ސްކޫލްގެ ކިޔެވުން ފެށިގެން މިއަދާ ހަމައަށް އައިރު ވެސް އަދި ވެސް ބައެއް މާއްދާތަކަށް ޓީޗަރުން ހަމަވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ހެނދުނުން ފެށިގެން މިތިބީ، ދޮޅު މަސްވީ އިރު ވެސް މި ރަށަށް ހަމަޖައްސާފައި ހުރި ޕްރިންސިޕަލް ސްކޫލަށް ނުނިކުންނާތީ" އެމީހާ ބުންޏެވެ.
ކުމުންދޫން ވާހަކަ ދެއްކި މީހާ ބުނީ މިއަދު ހެނދުނުން ފެށިގެން ރަށު ސްކޫލް ބަންދުކޮށްގެން ތިބީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ސްކޫލް ދޮރުމަތީގައި ސަފަކަށް އެތުރިގެން ކަމަށެވެ. އަދި ރަށު އޮފީސް ބަންދުކުރީ އެއް ގޭޓް ކައިރީ ޖޯލިފަތި އަތުރައިގެން ކަމަށާއި އަނެއް ގޭޓް ބަންދުކުރީ ދަނޑި ޖައްސައިގެން ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން އެ ރަށުގައި މިހާރު އަންނަނީ ފުލުހުން ހަރަކާތްތެރި ވަމުންނެވެ.
ކުމުންދޫ ރަށު އޮފީހަށާއި ސްކޫލް ކައިރިއަށް އެއްވި މީހުން ބުނީ އެ ރަށުގައި ފުލުހުން ތިބިހާ އިރެއްވަންދެން އެ މީހުން ވެސް އެ މީހުންގެ މަސައްކަތުގައި ތިބޭނެ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެ ފައެވެ.