03 Apr 2015, 11:21
ކަސާންޑްރާ ކްލެއާގެ މަޝްހޫރު ޔަންގް އެޑަލްޓް ފްރެންޗައިޒް ވާހަކަ ސީރީޒް، "ދަ މޯޓަލް އިންސްޓްރުމެންޓްސް"ގެ ޓީވީ ސީރީޒެއް ހެދުމަށް ނިންމާފައިވާ ކަމަށް އޭބީސީ ފެމިލީން ބުނެފި އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ހައި ފެންޓަސީ ވާހަކަ ސީރީޒްގެ ފުރަތަމަ ފޮތް ކަމަށްވާ "ދަ މޯޓަލް އިންސްޓްރުމެންޓްސް: ސިޓީ އޮފް ބޯންސް" އަށް އެ ނަމުގައި މީގެން ކުރިން ވަނީ ފިލްމެއް ހަދާފައެވެ. ނަމަވެސް 2013 ގައި ނެރުން އެފިލްމަށް އެދެވިގެންވާ ފަދަ ކާމިޔާބީއެއް ލިބިފައި ނުވުމުން އެ ސީރީޒްގެ ދެވަނަ ފިލްމު އުފެއްދުން ވަނީ ކެންސަލް ކޮށްފައެވެ.
"ޝެޑޯ ހަންޓާސް"ގެ ނަމުގައި ކުޑަ ސްކްރީނަށް ގެންނަން ނިންމާފައިވާ އެ ސީރީޒްގެ ޝޫޓިން އަންނަ މަހު ފަށަން ނިންމާފައިވާއިރު އޭގޭ ކާސްޓިން އަދި ހަމަ ޖައްސާފައި ނުވާ ކަމަށް އޭބީސީ އިން ވަނީ ބުނެފައެވެ.
ހައި އެންޑް ސީރީޒެއް ގޮތައް ޓޮރޮންޓޯގައި ޝޫޓިން ކުރުމަށް ހަމަޖެހިފައިވާ އެ ސީރީޒްގެ ފުރަތަމަ ސީޒަންގައި 13 އެޕިސޯޑް ހިމެނޭނެއެވެ.
މޯޓަލް އިންސްޓްރުމެންޓްގެ ފިލްމް "ފްލޮޕް" ވުމަށް ދިމާވި އެންމެ މައިގަނޑު އެއް ސަބަބަކީ ފިލްމުގެ ސްޓޯރީލައިނަށް، ފޮތުގައިވާ ގޮތާ ހިލާފު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވުމުންނެވެ. އެހެން ވުމަށް ދިމާވީ ބޮޑު ސްޓޯރީ ލައިނެއް، ފިލްމެއްގެ ވަގުތައް ފައްތަން ޖެހުމުން ކަމަށް ޕްރޮޑިއުސަރުން ބުނެފައިވެއެވެ.
އެހެންކަމުން ސީރީޒެއްގެ ގޮތުގައި އެ ވާހަކަ، 13 އެޕިސޯޑަށް ބަހާލާފައި ވަނީ، ފޮތުގައި ވާ ސްޓޯރީލައިނާާ ކައިރި ކުރާ ގޮތަށް ކަމަށް އެ ސީރީޒްގެ ޕްރޮޑަކްޝަން އާ ހަވާލު ވެފައިވާ ޓީމުން ވަނީ ބުނެފައެވެ.
ނިއުޔޯކް ބެސްޓް ސެލާގެ އެއްވަނައިގެ މަގާމުގައި 122 ހަފްތާ ވަންދެން އޮތް އެ ވާހަކަ ސީރީޒްގެ 35 މިލިއަން ކޮޕީ ވަނީ މިހާތަނަށް ވިކިފައެވެ.