02 Apr 2015, 11:46
ދިމިޝްގު (އެޕްރީލް 2): ސޫރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ދިމިޝްގުގައި ހުންނަ ފަލަސްތީނުގެ އަލްޔަރުމޫކް ރެފިއުޖީ އަވަށަށް ވަދެގަނެ އެތަނުގެ ބޮޑުބައެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފިއެވެ.
ޔަރްމޫކް ރެފިއުޖީ އަވަށުގައި ފަލަސްތީނުގެ އަށާރަ ހާހަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ގެންދާއިރު ރެފިއުޖީންނާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު އިއްޔެ ކުރިމަތިލުންތަކެއް ހިނގާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން ފަލަސްތީނުގެ ހަތިޔާރުއެޅި ބަޔަކާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ޙަމަލާތައް ބަދަލުކޮށްފައިވާއިރު ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ފްރީ ސީރިއަން އާމީގެ ހަނގުރާމަވެރިންވެސް ވަނީ ޔަރްމޫކު އަވަށުގައިވާ އައިއެސްގެ ހަނގުރާމަވެރިންނަށް ޙަމަލާތައް ދޭން ފަށާފައެވެ.
މިއީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ އަވަށެއް އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ މި ރެފިއުޖީ އަވަށުގެ އެތަށް ބަޔަކު ބަލިމަޑުކަމާއި ހައިހޫނުކަމުގައި ފާއިތުވި ދެ އަހަރުތެރޭގައި މަރުވެގެން ގޮސްފައިވެއެވެ.
އެމެރިކާ އިސްވެ އޮވެގެން ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ޙަމަލާތައް ދެމުން ގެންދިޔަނަމަވެސް އެއީ ހަމައެކަނި ނަމެއްގައި ކުރާކަމެއްކަމަށާއި އެމެރިކާއިން ސިއްރިޔާތުގައި އައިއެސްއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާ އިސްވެ އޮވެގެން ވައިގެ ޙަމަލާތައް ދޭންފެށިފަހުން އައިއެސްގެ ބާރު ސީރިޔާގައި ކުރިޔަށްވުރެ ވަރުގަދަ ވެފައިވާ ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުވެސް ވަނީ ވިދާޅުވެފައެވެ. މިގޮތުން އައިއެސް އިން ދާދިފަހުންވަނީ ސޫރިޔާގެ އިރުމަތީގެ ބޮޑު ސަރަހައްދެއް ހިފާފައެވެ. ނަމަވެސް އިރާގުގެ ސަލާހުއްދީން ގަވަނޭޓުގެ ބޮޑުބަޔަކުން މިހާރު އެމީހުންވަނީ ފައްސާލާފައެވެ.
ބާރުގެ ބޭނުންކޮށްގެން ސޫރިޔާ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ފެށި ހަތިޔާރުގެ ހަރަކާތްތަކާއެކު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނުތާ ފަސް އަހަރުވެފައިވާއިރު މިހަނގުރާމައިގައި ދެ ލައްކައަށް ވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. އަދި 11 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންނަށް ވެފައެވެ.
އަނެއްކޮޅުން އިރާގާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ ހަނގުރާމަވެރިން ބައިވެރިވާ ކަމަށް އދ. ން ވަނީ ބުނެފައެވެ.
ބައިނަލްއަގްވާމީ ތަޖްރިބާކާރުންގެ ޓީމަކުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ 25 ހާހަށްވުރެ ގިނަ މީހުން އިރާގާއި ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކުގައި ޖިހާދުގެ ނަމުގައި ބައިވެރިވަމުންދެއެވެ. ބައިނަލްއަގްވާމީ ތަޖްރިބާކާރުންގެ މިރިޕޯޓް ގައި ސޫރިޔާއާއި އިރާގު ސިފަކޮށްފައިވަނީ ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރިން ތަމްރީން ކުރުމުގެ ބައިނަލްއަގްވާމީ އެންމެ ބޮޑު ސްކޫލްގެ ގޮތުގައެވެ.
މިރިޕޯޓް ބުނާގޮތުން ދުނިޔޭގެ ގައުމުތަކުން ޖިހާދުގެ ނަމުގައި ހަނގުރާމަވެރިން އިރާގާއި ސޫރިޔާއަށް ދާހާ ހިނދަކު އެ ދެގައުމުގެ ލޭއޮހޮރުވުންތައް ހުއްޓުވުމަކީ މުސްތަހީލް ކަމެކެވެ. އަދި ޖިހާދުގެ ނަމުގައި އެ ދެގައުމަށް ދާ ހަނގުރާމަވެރިންނަށް ހުރަސްއެޅުމުގައި ބައިނަލްއަގްވާމީ މުޖްތަމައު ނާކާމިޔާބުވެފައިވާ ކަމަށްވެސް މިރިޕޯޓް ބުނެއެވެ. (ނޫސްއެޖެންސީތައް)