03 Apr 2015, 22:33
މަޝްހޫރު ލަވަކިޔުންތެރިޔާ އައިޝަތު މާއިން ރަޝީދު ކައިވެނިކޮށްފި އެވެ.
ޓީވީއެމުން ގެނެސްދޭން ފެށި ސްކޫލް ކުދިންގެ ލަވަކިޔުމުގެ މުބާރާތުން ލަވަކިޔުމުގެ ދާއިރާއަށް ނުކުތް މާއިން ކައިވެނިކުރީ އޭނާގެ ލޯބިވެރިޔާ، މަޝްހޫރު މިއުޒިޝަން އިބްރާހިމް ޝިފާޒު އާ އެވެ. މާއިންގެ ކައިވެނީގެ ހަފްލާ އޮތީ ރޭ ދަރުބާރުގަ އެވެ.
މާއިންގެ ކައިވެނީގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ރޭ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ހަފްލާގައި މާއިން ލައިގެން ހުރި ވެޑިންގް ޑްރެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު މުހައްމަދު ރިއްފަތު އެވެ. މިއީ މާއިން "ރިއްފަތު ބްރޭންޑް"ގެ ހެދުމެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައިބޭއްވި، ޝިފާޒު އާއި މާއިންގެ ކައިވެނީގެ ހަފްލާގެ ތެރެއިން -- ސަންފޮޓޯ: އަހްމަދު މުޖްތަބާ
އެ ހެދުމަކީ ރިއްފަތުގެ އެންމެ ފަހުގެ ބްރައިޑެލް ކަލެކްޝަން ކަމުގައިވާ "ގާޑަން އޮފް ލަވް" ކަލެކްޝަންގެ ހެދުމެކެވެ.
ރިއްފަތު ބުނިގޮތުގައި މާއިން ފަދަ މަޝްހޫރު ފަންނާނެއްގެ ވެޑިންގް ޑްރެސް ފަރުމާ ކުރުމުގެ ފުރުސަތު އޭނާ އަށް ލިބުމުން އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ.

ވާހަނދާނަކުން 3، އަލްބަމް އިފްތާތާހުކުރުމުގެ ޝޯގައި މާއިން ލަވައެއް ހުށަހަޅަނީ -- ސަން ފައިލް ފޮޓޯ
ލަވަ ކިޔުމުގެ ދާއިރާ އިން މިހާތަނަށް ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ މާއިން ވަނީ ސަން އެފްއެމުން މިހާތަނަށް ގެނެސްދިން "ވާހަނދާނަކުން"ގެ ހުރިހާ ޝޯތަކެއްގައި ވެސް ރީތި ލަވަތަކެއް ކިޔައިދީފައެވެ.
އޭގެއިތުރުން ޓީވީއެމުން ގެނެސް ދިން އެހަނދާނުގެ ރެޓްރޯ ޝޯތަކުގެ އިތުރުން ދިޓީވީން ގެނެސްދޭ ތަރިންގެ ރޭގައި ވެސް މާއިން ވަނީ ގިނަ ލަވަތަކެއް ކިޔައިދީފަ އެވެ.