02 Apr 2015, 10:56
އަބޫޖާ (އެޕްރީލް 2): ބޯކޯ ހަރާމް ޖަމާއަތުގެ ނުރައްކަލުން ނައިޖީރިއާގެ ރައްޔިތުން ސަލާމަތް ކުރުމަށް އެގައުމުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޖެނެރަލް ރިޓަޔަޑް މުޙައްމަދު ބުޚާރީ ވައުދުވެ ވަޑައިގެންފި އެވެ.
މީހުން މެރުމާއި މީހުން ވަގަށްނެގުމާއި މަގުފޭރުމުގެ ޖަރީމާތައް ހިންގުމުގައި ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ނައިޖީރިއާގެ ބަޔަކު އެގައުމުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ބުވޭ ގައި 2002 ވަނަ އަހަރު އުފެއްދި ހަނގުރާމަވެރި ޖަމާއަތެކެވެ.
ވެރިކަމަށް އިންތިޚާބުވެ ވަޑައިގަތުމަށްފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައ އިއްޔެ ދެއްވި ޚިތާބެއްގައި ބުޚާރީ ވިދާޅުވީ، ނައިޖީރިއާގެ ރައްޔިތުންނާއި ސަރުކާރުގެ އާރާއި ބާރު އޭނާގެ ވެރިކަމުގައި ބޯކޯ ހަރާމް ޖަމާއަތަށް ދައްކަވާނެ ކަމުގައެވެ.
މުހައްމަދު ޔޫސުފް ނަމަކަށްކިޔާ ހަނގުރާމަވެރި ލީޑަރަކު އިސްކޮށް ހުރެގެން 2002 ވަނަ އަހަރު އުފެއްދި ބޯކޯ ޙަރާމް ޖަމާއަތުން ހިންގާ ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި މީހުން ވަގަށްނެގުމާއި މަގުފޭރުމުގެ އިތުރުން ބޮންގޮއްވުންވެސް ހިމެނެއެވެ.
އެޖަމާއަތުގެ މަގްސަދްތަކުގެ ތެރޭގައި ހުޅަނގުގެ ތައުލީމް މަނާކުރުމާއި އެތަޢްލީމު ހުއްޓުވުމާއި ނައިޖީރިއާގެ ނަސާރާއިން ދިރިއުޅޭ ސަރަހައްދުތަކުގައިވެސް އިސްލާމީ ޝަރީޢަތް ގާއިމް ކުރުން ހިމެނެއެވެ. ނަމަވެސް ޚުދު ބޯކޯ ހަރާމް ޖަމާއަތަކީ މީހުން މެރުމާއި މަގުފޭރުމާއި ސްކޫލްތަކުގެ ދަރިވަރުންނަށް ބިރުދައްކައި އެކުދިން ވަގަށް ނެގުންފަދަ އިސްލާމީ ޝަރީޢަތާ ޚިލާފު އަމަލުތައް ފުޅާދާއިރާއެއްގައި ހިންގާ ޖަމާއަތެވެ.
ދެހާސް ނުވަވަނަ އަހަރުން ފެށިގެން ބޯކޯ ހަރާމް ޖަމާއަތުން ނައިޖީރިއާގައި ހިންގަމުންގެންދާ ޓެރަރިޒަމްގެ އަމަލުތަކުގައި 25،000 އަށްވުރެ ގިނަމީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ އެތަށް ވިލެޖެއް ހަލާކުވެގެންގޮސްފައިވެއެވެ.
ނައިޖީރިޔާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެގައުމުގެ މިހާރު ރައީސް ގުޑްލަކް ޖޮނަތަން ބަލިވެ ވަޑައިގަތީވެސް ބޯކޯ ހަރާމް ޖަމާއަތުގެ ނުރައްކަލުން އެގައުމުގެ ރައްޔިތުން ސަލާމަތް ކުރުމުގައި އޭނާ ނާކާމިޔާބުވުމާ ގުޅިގެންކަމަށްވަނީ ބެލެވިފައެވެ. މިއިންތިޚާބު ކާމިޔާބުކުރެއްވި ޖެނެރަލް ރިޓަޔަޑް މުހައްމަދު ބުޚާރީ ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ބޯކޯ ހަރާމް ޖަމާއަތް ނައްތާލައި އެޖަމާއަތުގެ ނުރައްކަލުން ނައިޖީރިޔާގެ ރައްޔިތުންނާއި ދައުލަތް ސަލާމަތް ކުރައްވާނެ ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގައި ވަރުގަދަ ކޭންޕޭނެއް ކުރައްވާފައެވެ.
މުހައްމަދު ބުޚާރީ އަކީ އަސްކަރީ ތައްލީމާއި ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ޖެނެރަލެއް ކަމަށްވެފައި އިސްލާމީ ތައުލީމްވެސް ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެއިތުރުން ނައިޖީރިއާ ސިފައިންގެ ލަޝްކަރުތަކުގައި ދިގުމުއްދަތަކަށް ބުޚާރީ ޚިދްމަތް ކުރައްވާފައިވާތީ ބޯކޯ ހަރާމް ޖަމާއަތާ އަސްކަރީގޮތުން ކުރިމަތިލާނެ ވިސްނުން އޭނާގެ ކިބާގައި ހުންނާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ނައިޖީރިޔާގެ އިސްލާމީ ދަންނަބޭކަލުންވަނީ ބޯކޯ ހަރާމް ޖަމާއަތަކީ އެގައުމުގެ އިސްލާމީ މުޖްތަމައުން ނައްތާލަންޖެހޭ ނުރައްކާތެރި ޚަވާރިޖުންގެ ބައެއް ކަމަށް ސިފަކޮށް އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުން ހުއްދަކުރުމުގެ ފަތުވާއެއް ނެރުއްވާފައެވެ. (އަލްޖަޒީރާ)