02 Apr 2015, 09:25
ދ. ބަނޑިދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރެއްގައި އަލިފާން ރޯވެ، އަނދައި ހުލިވެއްޖެއެވެ.
ބަނޑިދޫ ކައުންސިލްގެ ރައީސް ހަސަން ހަނީފު 'ސަން'އަށް ވިދާޅުވީ، މިއަދު ހެނދުނު 7.30 އެހާކަށް ހާއިރު ހިނގި އެހާދިސާގައި އަލިފާން ރޯވި އެކްސްކަވޭޓަރު އޮޕަރޭޓް ކުރަން އިން މީހާއަށް ކަމެއް ނުވެ، ސަލާމަތް ވި ކަމަށެވެ. ނަމަވެސް އެކްސްކަވޭޓަރު މުޅިން އަނދައި ހުލިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"... އަލިފާން ރޯވީމާ ޑްރައިވަރު ފުންމާލީ. އޭނާއަށް ކަމެއް ނުވޭ ނަސީބަކުން. އެކަމަކު އެކްސްކަވޭޓަރު ވަނީ މުޅިން އަނދާފައި. އަލިފާން މިހާރު ވަނީ ނިވިފައި،" ހަނީފު ވިދާޅުވިއެވެ.
ހާދިސާ ހިނގި އަސްލު ސަބަބެއް އަދި ނޭނގޭ ކަމަށާއި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްގެ ފަޔަ އެންޑް ރެސްކިއު ޑިޕާޓްމެންޓުގެ ބޭފުޅުން ވަޑައިގެން މިހާރު އެކަން ބައްލަވަން ފަށްޓަވާފައިވާ ކަމަށް ވެސް ހަނީފު ވިދާޅުވިއެވެ.

ބަނޑިދޫގައި އެކްސްކަވޭޓަރުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ވެލާވަރު ރިސޯޓުގެ ފަޔަފައިޓަރުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ވެލާވަރު ރިސޯޓުގެ ފަޔަޓީމުން ބުނީ، ބަނޑިދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރެއްގައި އަލިފާން ރޯވުމުން އެ އަލިފާންގަނޑު ނިއްވާލުމަށް ބަނޑިދޫ ކައުންސިލުން އެހީއަކަށް އެދުމުން 15 ވަރަކަށް މިނިޓްތެރޭގައި އެރަށަށް ގޮސް އެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބަނޑިދޫ ކައުންސިލުން ގުޅީ، ހެނދުނު 7:25 އެހާކަންހާއިރު. ދެން އަޅުގަނޑުމެންގެ ފަޔަޓީމު، ލޯންޗެއްގައި އެރަށަށް ގޮސް އެކްސްކަވޭޓަރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލީ،" ވެލާވަރު ރިސޯޓުގެ ފަޔަޓީމުން ސަންއަށް ބުންޏެވެ.

ބަނޑިދޫގައި އެކްސްކަވޭޓަރުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ވެލާވަރު ރިސޯޓުގެ ފަޔަފައިޓަރުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
އަލިފާން ރޯވެ އަނދާފައި ވަނީ ބަނޑިދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ)ގެ އެކްސްކަވޭޓަރެކެވެ.
އެމްޓީސީސީގެ ސީއީއޯ ޢަބުދުއް ރައްޒާޤު ޙަލީމް ވިދާޅުވީ މިއަދު އެނދި އެކްސްކަވޭޓަރަކީ 2006 ވަނަ އަހަރު އެކުންފުންޏަށް ގަތް އެއްޗެއް ކަމަށެވެ. ގަތްއިރު އޭގެއަގަކީ 3.2 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ޑެޕްރިސިއޭޝަން މިހާރު ހަމަވެފައިވާ ކަމަށާއި އެއީ އިންޝުއާ ކޮށްފައިވާ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" އަލިފާން ރޯވަން މެދުވެރި ސަބަބެއް އަދި ނޭނގޭ. އެއީ ކުންފުނީގެ މިފަދަ ހުރިހާ އިކްއިޕްމެންޓެއް ވެސް އަންނަނީ ބަރާބަރަށް ސާވިސް ކުރަމުން. މިއީ އެމްޓީސީސީގެ ތާރީހުގައި ވެސް މިފަދަ ގޮތެއް ދިމާވި ފުރަތަމަ ފަހަރު. ނަސީބަކުން މިހާދިސާގައި މީހަކަށް ކަމެއް ނުވޭ،" ޢަބުދުއް ރައްޒާޤު ވިދާޅުވިއެވެ.