01 Apr 2015, 23:37
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭރު ފަރާތަކުން ރާއްޖޭގައި ހިންގަން އުޅުނު ޕްރޮޖެކްޓެއްގައި ކެސިނޯ ހެދުމަށް ހުށަހެޅުމުން ކެބިނެޓުގައި އެކަމާ ދެކޮޅަށް ވަކާލާތުކޮށް ވާހަކަފުޅު ދެއްކެވި ކަމަށް އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޑރ. މަޖީދު މިރޭ ވިދާޅުވީ ކެސިނޯ ހެދުމަށް އޭނާ ދެކޮޅު ހެދުމުން ނަޝީދު އެކަމާ ޖަދަލު ނުކުރައްވައި އެ ޕްރޮޖެކްޓު ދިވެހިންގެ ސަގާފަތާ އެއްގޮތަށް ބައްޓަން ކުރުމަށް އެންގެވި ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުއަށް ސަރުކާރުގެ އިސްލާމިކް މިނިސްޓަރު އެއްބަސް ނުވާނަމަ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނަޝީދު ލަފާ ދެއްވި ކަމަށެވެ.
މަޖީދު ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި އިސްލާމްދީނާ ހިލާފު ކަމެއް ކުރަން އުޅުނަސް އެކަމާ އޭނާ ދެކޮޅަށް ވަކާލާތު ކުރެއްވި ކަމަށެވެ. އަދި އެކަން ދީނުގައި އޮންނަ ގޮތް ކިއާ ދިނުމުން ރައީސް ނަޝީދު އެކަން ގަބޫލު ކުރައްވާ ކަމަށެވެ.
"ކެބިނެޓެއް މި ހުށަހެޅެނީ ޗައިނާގެ މަޝްރޫއެއް. އީޓީޖީ ކިއާ މަޝްރޫއެއްގައި މި އޮންނަނީ ހުވަދު އަތޮޅު ތަރައްގީ ކުރަން. ދެން އޭގެ މައިގަނޑު ކޮމްޕޯނަންޓަކީ ކެސިނޯ. އަޅުގަނޑު ދަންނަވައިފިން މި ކަމެއް ނުކުރެވޭނޭ. އެއީ ދީނާ ހިލާފު ކަމެކޭ. ގާނޫނު އަސާސީގައި ބުނެފައި އެބައޮތޭ ދީނާ ހިލާފު ގަވާއިދާ ގާނޫނެއް މިތާކު ނުހެދޭނޭ. އެހެންވީމަ މިތަންތަނަށް ދިވެހިން ވެސް ދާނޭ. ދެން ވަޒީރު އެހެން ބޭފުޅުން ވެސް މިކަމާ ބަހުސް ކުރެއްވި،" ޑރ. މަޖީދު ވިދާޅުވި އެވެ.
"އެހެންވީމަ މި މަޝްރޫއު ދިވެހިންގެ ސަގާފަތާ އެއްގޮތަށް ބަދަލު ކުރަން ޗައިނާގެ ބޭފުޅުންނަށް ދަންނަވާށޭ. މިކަމުން ވެސް އެނގެނީ އެމަނިކުފާނަށް ދީނުގައި އޮންނަ ގޮތް ސާފުކޮށް ކިއާ ދެއްވުމުން އެކަމާ ޖަދަލުކޮށް ނުހައްދަވާކަން،" ޑރ. މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި އީޓީޖީ ޕްރޮޖެކްޓަކީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީ ސަރުކާރުން ސޮއި ކުރި ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓަކީ ހުވަދު އަތޮޅު (ގއ.، ގދ) ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރު ހުށަހެޅި އިންވެސްޓްމަންޓެކެވެ. އެ ޕްރޮޖެކްޓް ހުށަހެޅީ ޗައިނާގެ ނިއު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރު ކޮމްޕެނީންނެވެ.
ޗައިނާ ކުންފުނިން ހުވަދު އަތޮޅު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުށަހަޅާފައި ވަނީ އެ ކުންފުންޏަށް ރިސޯޓް ލިބޭ ގޮތަށެވެ.