21 Feb 2011, 14:47
ހެލްތު މިނިސްޓަރު ޑރ.އައިމިނަތު ޖަމީލް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެ މައްސަލަ ނިމެންދެން އަމުރު ތަންފީޒު ނުކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓަށް ރައްދުކޮށް ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ހައި ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ އަމުރު ތަންފީޒު ކުރުން ފަސް ކުރުމަށާއި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
"...އެ އަމުރާ މެދު ދިވެހިރާއްޖޭގެ ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ އަމުރު ތަންފީޒު ކުރުން ފަސް ކުރުމަށާއި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ އަމުރުކޮށްފީމެވެ،" ހައިކޯޓުގެ އަމުރުގައިވެ އެވެ.
ޑރ. އައިމިނަތު ޖަމީލް ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން އަންގާފައި މި ވަނީ މާރާމާރީއެއްގައި މަރާލާފައިވާ މ. ބިއުޓީފްލާވާސް، މުހައްމަދު ހުސެއިންގެ މަރުގެ ރިޕޯޓް ދިނުމަށް އެދި ފުލުހުން ފޮނުވި ސިޓީއަށް ޖަވާބު ނުދިން މައްސަލައިގައި ކަންހިނގައިދިޔަ ގޮތް ސާފު ކުރުމަށެވެ. އެ ރިޕޯޓް ނުލިބިގެން އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ގ. ކޯޒީ، އިބްރާހިމް ޝަހުމްގެ ތަހުގީގު ވަނީ ނުނިމިފަ އެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އެ ރިޕޯޓް ނުލިބުމާ ގުޅިގެން ޝަހުމް ހައްޔަރުން ދޫކޮށްލައިފަ އެވެ.