މިނިވަންކަމުގެ އުފާފާޅުކުރުމަށް އަޅުކަމެއްކޮށް މާތް ﷲ އަށް ދުއާކޮށް ޞަދަގާތް ކުރުމަކީ ބިދުއައެއް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިހް އާދަމް ޝަމީމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ރޭ ޙާއްސަ ދުޢާއެއް ކޮށް، ބަކަރި ކަތިލައި ޞަދަގާތްކުރުމަށް ނިންމާފައި ވަނިކޮށެވެ.

ޝައިޚް ޝަމީމް ވިދާޅުވީ، ޝުކުރު ހައްގު ހެޔޮ ކަމަކާ ގުޅިގެން އުފާފާޅުކުރުމަށް އާންމުކޮށް ލިބިފައިވާ ހުއްދައާ އެއްގޮތްވާ ގޮތުގެމަތީން އަޅުކަމެއްކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުއާކޮށް ޞަދަގާތްކޮށް ހެދުމަކީ ބިދުޢައެކޭ ނުބުނެވޭނެ ކަމަށެވެ.

"މާދަމާ ރޭ ކުރަން އުޅޭ ކަންތަކުގެ ތެރެއިން އެއްކަމަކީ މިސާލަކަށް ނައަމްސޫފި ކަތިލުން. ނާއަމްސޫފި ކަތިލުމަކީ އޭގެ ޒާތުގައި ޝަރުއީ ގޮތުން ހުއްދަ ކަމެއް. އަދި އެއީ އަޅުކަމެއް. އެ އަޅުކަން ވަކިދުވަހަކަށް، ވަކިވަގުތަކަށް ވަކި ކަމަކަށް ހާއްސަކުރެވިފައެއް ނެތް. އޭގެ މާނައަކީ ކޮންމެ މީހަކު ކޮންމެ އުފަލެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރު އަދާކުރުމުގެ ގޮތުން ހަމަ ކަތިލަންވީ،" ޝައިޚް ވިދާޅުވި އެވެ.

ޝެއިޚް ވިދާޅުވީ، ޝުކުރުވެރިވުމުގެ ގޮތުން ދުޢާކޮށް ޞަދަގާތްކުރާފަދަ ހާލަތެއް މެދުވެރިވީ، "އެއީ ޢާއިލާއެއް ކަމުގައި ވީނަމަ ޢާއިލާ އެންމެނަށް ބައިވެރިވެވޭނެ، ރަށަކަށް ލިބުނުކަމެއް ނަމަ އެރަށު އެންމެނަށްވެސް ބައިވެރިވެވޭނެ. އެގޮތަށް ކުރެވޭ ކަމަކަށް އެއްވެސް ޙާލެއްގައި ބިދުއައެކޭ ނުބުނެވޭނެ،" ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ސްޓޭޑިއަމްގައި ޖަމާއަތުގައި އެ ރޭގެ އިޝާ ނަމާދު ކުރުމާއި، ރާއްޖެއަށް މިނިވަންކަން މިންވަރުކޮށްދެއްވީތީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރުގެ ދުއާއެއް ކޮށް، 150 ބަކަރި ކަތިލައި ޞަދަގާތް ކުރުމަށް ސަރުކާރާއި ބައެއް ވިޔަފާރިވެރިންގެ އިތުރުން އާންމުންގެ ގިނަ ބަޔަކާ ގުޅިގެން ހިންގާ ހަރަކާތަކީ ބިދުއައެއް ކަމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްވެރިން ވަނީ ސިފަކުރައްވައި، އެކަމާގުޅޭ ގޮތުން ސުވާލު އުފައްދަވައިފައެވެ.

ޝެއިޚް ޝަމީމް ވިދާޅުވީ، ފަރުޟު ފަސް ނަމާދު ކުރުން އެންމެ އައުލާކަން ބޮޑީ، މިސްކިތުގައި ޖަމާއަތުގައި ކަމަށް ވިޔަސް، ވަލިއްޔުލްއަމްރުގެ އެންގެވުމަށް ގިނަ މީހުންނަށް އެއްވެވޭ ތަނެއްގައި ނަމާދު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

"ދީނުގައި ކަނޑައެޅިފައި ނުވާ ދުވަހެއްގެ ވަގުތެއްގައި، ދާއިމުވެ އާދަވެ ބަޔަކު ދުއާކުރާ ނަމަ އެއީ ބިދުއައެއް. މިސާލަކަށް ކޮންމެ ފަރުޟު ނަމާދަކަށް ފަހު އެންމެން ދުއާކުރަނީ، ނުވަތަ ކޮންމެ މަހަކު އެއްފަހަރު. ނުވަތަ ހަފްތާއަކު އެއްފަހަރު، ނުވަތަ އަހަރަކު އެއްފަހަރު. މިސާލަކަށް ބަލަމާހިނގާ ޖުލައި 26ގައި ދުޢާކުރަނީ. އެހެން ވެއްޖިއްޔާ އޭތިވަންނާނެ ބިދުޢައަކަށް. އެއީ ޝަރުޢުކުރެވޭ ގޮތަށް ކަނޑައެޅެނީ ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު އެކަން ކުރަން. އެގޮތަށް ކޮށްގެން ނުވާނެ،" ޝެއިޚް ވިދާޅުވި އެވެ.

"ޔޫނުސް ޢަލައިހިއްސަލާމްގެ ގައުމުގެ މީހުނާމެދުގައި ތަފްސީރު ޢިލްމުވެރީން ރިވާކުރައްވާފައި އެބަހުރި، އެކަލޭގެފާނު ގައުމު ދޫކުރައްވާފައި ނުކުމެވަޑައިގެންނެވީމަ ގައުމުގެ މީހުންނަށް ޢަޒާބު އަންނަތަން ފެނުނީމަ، އެ ގައުމުގެ އިސް މީހުން ބުނި ކަމަށް، އެންމެން ހުސް މައިދާނަށް ނުކުމެ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވެ، ތައުބާވެ އަސްތަޣްފާރު ކުރަން ހިނގާށޭ އެހެން ނޫނީ މި އަޛާބު ދުރަކަށް ނުދާނޭ. އެ ހިނދުގައި އެ ގައުމުގެ ހުރިހާ އެންމެން ހުސް މައިދާނަކަށް އެއްވެ، އިސްލާމްވެ، އީމާންވެ ދުއާކުރި ކަމަށް. އަދި އޭގެ ސަބަބުން އަޛާބު ހުއްޓުނުކަން،"

ބައެއް ހާލަތްތަކުގައި ގިނަބަޔަކު އެއްވެ ޖަމާއަތުގައި ދުއާކޮށްފައި އެބަހުރިކަން ސަލަފުންގެ ކިބައިން އެނގިފައި އެބަހުރިކަން ކަމަށް ޝެއިޚް ވިދާޅުވި އެވެ.

"މިއީ އިސްވެދިޔަ އުންމަތުގެ ޚަބަރެއް. މިކަން އިސްލާމްދީނުގައި މަނާވާނޭ ދަލީލެއް ނެތްހާ ހިނދަކު އަޅުގަނޑުމެންނަށް އެއީ ނަމޫނާއަކަށް ވެސް ނެގިދާނެ" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ބިދުޢައަކީ ހަރާމްކަމެއް ކަމަށާއި އެހެން ކަމުން، މިނިވަންކަމުގެ އުފާފާޅުކުރުމަށް އަޅުކަމެއްކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުއާކޮށް ޞަދަގާތް ކުރުމަކީ ބިދުއައެކޭ ނުބުނެވޭނެ ކަމަށެވެ.


ބިދުއައަކީ ދީނުގައި އާ ކަންތައްތަކަށް ކިޔޭ ނަމެކެވެ.

"ދީނުގައި އާކަމެކޭ މި ބުނެވެނީ، ދީނުގައި ކަނޑަނާޅުއްވާ ކަމެއް މީހަކު ކަނޑައެޅީ. ނުވަތަ ކަނޑައެޅިފައި އޮތްކަމެއް، ކަނޑައެޅިފައި އޮތްގޮތާ ދިމާ އިދިކޮޅަށް ނުވަތަ ޚިލާފަށް ކުރީމަ އެއީ ބިދުއައެއް،" ޝައިޚް ޝަމީމް ވިދާޅުވި އެވެ.

ޝައިޚް ޝަމީމް ވިދާޅުވީ، ރާއްޖޭގެ ދީނީ ދެ އިލްމުވެރިއަކު، މާދަމާރޭގެ އެ ހަރަކާތަކީ ބިދުއައެއް ކަމަށް ފަތުވާ ދެއްވާފައިވާ ކަމަށެވެ.

"އޭގައި އަޅުގަނޑަށް ފެނުނު މިންވަރުގައި، ޝަރުޢީގޮތުން މިކަން ބިދުއައެއް ކަމަށް ވާނީ މިހެންނޭ، އެގޮތަށް އެކްސްޕްލެއިން ކޮށްދީފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ވެސް މިކަމުގައި ވަރަކަށް ގިނަބަޔަކު ސުވާލު އެބަކުރައްވާ އަދި ޓެކްސްޓްވެސް އެބަކުރައްވާ. މީހުން ގުޅަންވެސް އެބަގުޅާ. އަޅުގަނޑަށް މިކަމާ މެދު ވިސްނީމައި، އަޅުގަނޑަކަށެއް މިދެންނެވިހެން ބިދުއަކަމުގައި އިލްމުވެރީން ކަނޑައަޅުއްވާފައި ހުރި ކަންތައްތަކުގެ ތެރޭގައި މިއެއްޗެއް އެގޮތަށް ފިޓެއް ނުވޭ،" މިނިވަންކަމުގެ އުފާފާޅުކުރުމަށް އަޅުކަމެއްކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުއާކޮށް ޞަދަގާތް ކުރުމަކީ ބިދުއައެއް ނޫންކަން ތަފްސީލުކޮށްދެއްވަމުން ޝެއިޚް ޝަމީމް ވިދާޅުވި އެވެ.