މާލޭގެ ފެނުނުގެ ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، ޕްރެޝަރުގައި ފެން ދޫކުރަން ފަށާފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

މިއަދު 3:30 ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކަށް ޕްރެޝަރުގައި ފެން ނުލިބުމުގެ މައްސަލަ ކުރިމަތިވީ އެމްޑަބްލިއުއެސްސީގެ މެއިން ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި ކަރަންޓްގެ މައްސަލައަކާ ގުޅިގެންނެވެ. ދޮޅު ގަޑިއިރުގެ މަސައްކަތަށްފަހު އަލުން ވަނީ ފެން ދޫކުރަން ފަށާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު، އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެއިން ފެން ކެނޑުމާ ގުޅިގެން، މާލޭގައި ދިރިއުޅޭ 130،000 މީހުންނަށް ވަނީ އެކަމުގެ ދަތިކަން ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތަހަންމަލްކޮށްފަ އެވެ.