01 Apr 2015, 17:06
ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ މެދު ފަންތީގެ ފްލެޓްތަކުން ސަރުކާރަށް ލިބުނު 10 ފުލެޓުގެ ތެރެއިން ނުވަ ފުލެޓް ދިނީ މާލޭގައި ގެދޮރު ނެތް ފަރާތްތަކަށް ކަމަށް ސަރުކާރުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރަށް ލިބުނު ފުލެޓުތައް ދޭން ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިން އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސް ހަސަން ލުތުފީ އާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީރު ޖަމާލް އަބޫބަކުރަށެވެ.
ރައީސް އޮފީހުގައި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންނަށް ފުލެޓުތައް ދިނުން އެއީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުން އެފަރާތްތަކަށް ހިލޭ އެ ފުލެޓުތައް ދިނީ ނޫން ކަމަށާއި ފުލެޓުތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް އަދީބު ވިދާޅުވި އެވެ.

ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ ފުލެޓެއްގެ އެޕާޓްމަންޓެއް: ސަން ފޮޓޯ/ އަލީ ނަސީރު
"ދައުލަތަށް ހަވާލުކޮށްފައިވާ 10 ފުލެޓު ދައުލަތުގެ މުއައްސަސާތަކަށް އެބޭފުޅުންނަށް މި ދެނީ ގަތުމަށްޓަކައި. މާނައަކީ އެބޭފުޅުން ޕޭ ކުރާނީ. އެހެންކަމުން ދައުލަތުގެ އެންމެ މަތީ އެއް ބާރު، ސުޕްރީމް ކޯޓު އަދި ހަމައެހެން މިނިވަން މުއައްސަސާތަކުގެ ތެރޭގައި ކޮންބަޔަކަށްތޯ މާލޭގައި ގެދޮރު ނެތީ ބަލާފައި އެބޭފުޅުންނަށް ހަވާލު ކުރެވުނީ. މިއަދު ދައުލަތަށް ލިބޭ އެއްޗެއް ދައުލަތުގެ މުއައްސަސާތަކަށް ދިނުމުން ދައުލަތުގެ ތެރޭގައި ދައުލަތް ހިމާޔަތް ކޮށް އެދައުލަތް ކުރިއަރުވާ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތް ތެރިކަން ރަނގަޅުވާން،" އަދީބު ވިދާޅުވި އެވެ.
މިއަދު ރާއްޖޭގައި އިންސާފު ގާއިމުވެގެންދާތަން ފެންނަމުން ދާ ކަމަށާއި އެގޮތުން ސިޔާސީ މީހެއް އަދި އާންމު ރައްޔިތެއް ނުބަލައި ދައުވާކޮށް އެ ދައުވާތައް ސާބިތުވާ ކަމަށް ވަނީ ނަމަ އެ ފަރާތްތަކަށް ހުކުމް ކުރެވޭ ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދު ފެންނަމުން ދަނީ ދައުލަތް ދައުލަތުގެ ގޮތުގައި "ނެގެހެއްޓޭ މަންޒަރު" ކަމަށެވެ.
"ކުރިން އަބަދުވެސް ފައިނޭންޝިއަލީ ކޮންމެ ކަމެއް ލިއަސް ދައުލަތުން އެމީހަކަށް ނުވަ މިލިއަން ނުވަތަ އަށް މިލިއަން ޑޮލަރު ދައުލަތުން ކޮމްޕެންޒޭޝަން ޕޭކުރަންޖެހިފައި. އެހެންނަމަވެސް މިއަދު ދައުލަތަށް ދަރަނިވެރިވާ ކޮންމެ ބޭފުޅަކަށް ދައުލަތަށް އެ ލާރި ނެގޭނެ ކަމުގެ ފުރިހަމަ ޔަގީން އެ ލިބެނީ. މިދައުލަތުގެ މުއައްސަސާތައް ދައުލަތް އެކީގައި ބާރުގަދަވާތަން. ދައުލަތް މުއްސަނދި ވެއްޖިއްޔާ ރައްޔިތުންނަށް އޭގެއިން ފައިދާ ވާނީ،" އަދީބު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބު ވާހަކަފުޅުދައްކަވަނީ: ފުލެޓުތައް ދިނީ މާލޭގެ ގެދޮރު ނެތް ފަރާތްތަކަށް ކަމަށް އަދީބު ވިދާޅުވި -- ސަން ފޮޓޯ/ އަލީ ނަސީރު
ފުލެޓުތައް ދިނުމުގައި މައްސަލައެއް ވާނަމަ ހުށަހަޅަން ޖެހޭ މުއައްސަސާތަކަށް އެ މައްސަލައެއް ހުށަހަޅައިގެން ކުރިއަށް ދިއުމަކުން ސަރުކާރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
ކޮންމެ ފްލެޓުބަރިއެއްގައި ނުވަ 'ފްލޯ' ހިނެނޭގޮތަށް އިމާރާތްކޮށްފައިވާ "ރެހެންދި" ފުލެޓު، އިމާރާތް ކުރީ އެފްޑަބްލިއު ކޮންސްޓްރަކްޝަނުންނެވެ. ސަރުކާރަށް ލިބުނު 10 ފުލެޓުގެ ތެރެއިން ނުވަ ފުލެޓް ދައުލަތުގެ މުއައްސަސާތަކުގެ އިސް ވެރިންނަށް ދީފައިވާއިރު، ބާކީ ހުރި ފުލެޓް ދިން ފަރާތެއް އަދި ނޭނގެ އެވެ.

ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ ފުލެޓު ބަރިއެއްގެ އެޕާޓްމަންޓެއްގެ ފާހާނާ: ސަން ފޮޓޯ/ އަލީ ނަސީރު
އަމިއްލަ ހަރަދުގައި ޓީވީ ކޮށީގައި 36 ފްލެޓު އިމާރާތް ކުރުމަށް އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭޕްރީލް 28، 2011ގައެވެ.