01 Apr 2015, 16:05
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރި މައްސަލައާ ގުޅިގެން ނުވަ ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި ރައީސް އޮފީސް ކުރިމަތީގައި އެމްޑީޕީން މުޒާހަރާ ކޮށްފައި ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ކުރީގެ މެމްބަރު ރުގިއްޔާ މުހައްމަދާއި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު ވިސާމް އަލީގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.
އެ ތިން ބޭފުޅުންގެ އިތުރުން އެ މައްސަލާގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު އާއި މ. އޭޝިޔާ، މަރިޔަމް މަނިކެ އާއި ހ. ވެޔޮވިލާ، ޝަފީއާ ޒުބައިރާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ އާއި ލ. ގަން، ތުނޑި ބާބުލްއަވާލީ، ނައީމާ މުހައްމަދުގެ އިތުރުން ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރުގެ މައްޗަށެވެ.
ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނާގޮތުން ރައީސް އޮފީސް ކައިރިއަށް އެއްވެ މުޒާހަރާ ކުރުމަކީ މަނާކަމެކެވެ.