މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ސްވިމިންގް ޕޫލެއް ގާއިމްކުރަން ޔޫތު މިނިސްޓްރީން މަސައްކަތް ކުރަމުން ދާކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)އިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ މިހާރު ޔޫތު މިނިސްޓްރީން އެ ސްވިމިން ޕޫލްގެ ކުރެހުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އީވައިސީގައި އަޅުގަނޑުމެން މަޝްވަރާ ކުރުމަށް ފަހު، އަޅުގަނޑުމެން މާލޭގެ އުސްފަސްގަނޑުގައި ސްވިމިން ޕޫލެއް ގާއިމްކުރުމުގެ ކުރެހުމުގެ މަސައްކަތް މިހާރު ޔޫތު މިނިސްޓްރީން އެބަ ކުރިއަށް ގެންދަން. އެ ކޮންސެޕްޓް ނިމުނުހާ އަވަހަކަށް އީވައިސީގައި މަޝްވަރާ ކުރުމަށް ފަހު، އަޅުގަނޑުމެން އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށާނަން،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓަކީ ހުޅުމާލޭގައި ގާއިމްކުރާ އެކުއެޓިކް ސެންޓަރުގެ އިތުރުން، ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

ޔޫތު މިނިސްޓްރީން އުސްފަސްގަނޑު ސަރަހައްދުގައި ސްވިމިން ޕޫލެއް ގާއިމްކުރަން ނިންމާފައި ވާއިރު، މިދިޔަ މަހުގެ ތެރޭ ސަރުކާރުގެ ބަޖެޓުން 1.3 މިލިއަން ރުފިޔާ ހަރަދުކޮށް، ޔޫތު މިނިސްޓްރީ އާއި ސްވިމިންގް އެސޯސިއޭޝަން ގުޅިގެން ވަނީ މާލެ ޓްރެކް ސަރަހައްދުގައި އާ ފްލޯޓިންގް ޕްލެޓްފޯމެއް ގާއިމް ކޮށްފައެވެ. އަދި އައްޑޫ ސިޓީގައިވެސް ފްލޯޓިންގް ޕްލެޓްފޯމެއް ގާއިމްކުރަން ބެނުންވާ ތަކެއްތި މިހާރު އައްޑުއަށް ފޮނުވާފައި ވާކަމަށް ޔޫތު މިނިސްޓްރީން ވަނީ މައުލޫމަތު ދީފައެވެ.