01 Apr 2015, 15:24
މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖްގެ ފުލް ޑިޒައިން މަސައްކަތް މިއަދު ފަށައިފި ކަމަށާއި އަންނަ ޖޫން މަހުގެ ނިޔަލަށް އެމަސައްކަތް ނިމޭނޭކަމަށް ޓޫރިޒަމް މިިނިސްޓަރު އަދި އިކޮނަމިކް ކައުންސިލްގެ ކޯޗެއާ އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ނިއުސް ކޮންފަރެންސްގައި އަދީބު ވިދާޅުވީ، އިންޖިނިއަރިން ޑިޒައިންއާ އަދި މުޅި ބްރިޖުގެ ތަފްސީލީ ޑިޒައިން ހެދުމަށް ހަމަޖެހިފައިވާ ޓީމު މާލެ މިހާރު އައިސްފައިވާ ކަމަށާއި އެފަރާތްތަކާއި އެއްކޮށް ރައީސް އޮފީހުގައި ބައްދަލުވުމެއް ބޭއްވި އެކަމުގެ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
"ދެން މީގެ މަރުހަލާތަކަކީ ފުލް ޑިޒައިން ޖޫން މަހު ލިބޭނެ. ދެން އޭގެ ހަމައެކަނި ފުލް ޑިޒައިނާ އެކީގައި އިންނާނެ އޭގެ ސީދާ އަގުވެސް އެނގެން. ދެން އެކަން އެނގުމުން ޗައިނާ ސަރުކާރުން އޭގެ ފައިނޭންސިން އޮޕްޝަންތައް ދިވެހި ސަރުކާރާއިއެކު އެއްބަސްވެ އަދި އެއަށްފަހު ބިޑިން ޕްރޮސެސް ނިމުމަށްފަހު އަދި މިއަހަރު ނިމުމަށްފަހު ބްރިޖުގެ މަސައްކަތް ފެށޭނެ ކަމުގެ އުފާވެރި ހަބަރު ދެން،" އަދީބު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު
ބްރިޖުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ބްރިޖުގެ މަސައްކަތް ކުރާ ފަރާތުން 30 ހެކްޓަރުގެ ބިމެއް ބޭނުންވާ ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެވަރުގެ ބިމެއް އެފަރާތުން ބޭނުން ވަނީ ބްރިޖުގެ ބުޑުތަކާއި ބްރިޖަށް ބޭނުންވަ އެހެނިހެން އިންފްރާސްޓްރަކްޗާތައް ހެދުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެފަރާތުން ބޭނުންވާ 30 ހެކްޓަރުގެ ބިމަށް ބޭނުންވާ "އޮޕްޝަންތަކެއް" ސަރުކާރުން ދީފައިވާ ކަމަށެވެ.
"ތިލަފުށީގައި މިހަރު ހިއްކާފައި އޮންނާނެ ބިމެއް އަދި ހުޅުމާލެ ފޭސް ޓޫގައި ވެސް އެބައޮތް ބިމެއް ދެވެން އެފަރާތްތަކަށް. ދެން 30 ހެކްޓަރުގެ ބިމެއް ބޭނުން ވަނީ ބްރިޖުގެ މަސައްކަތް ފައްޓާފައި ބްރިޖުގެ މަސައްކަތުގެ ތެރޭގައި ހަމައެކަނި އެ ޕީރިއަޑުގެ ތެރޭގައި ނިންމާފައި އެ ބިން ސަރުކާރަށް އަނބުރާ ދޭ ގޮތަށް. އެ އޮޕްޝަން އަޅުގަނޑުމެން ވާނީ ދީފައި،" މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، މިއަހަރު ތެރޭގައި ބްރިޖުގެ ޢަމަލީ މަސައްކަތް ފަށާނެ ކަަމުގެ ޔަޤީންކަން ޗައިނާގެ ކޮމާޝަލް މިނިސްޓަރު ލިޔުމުން ދީފައިވާ ކަމަށެވެ. މުންދު ވިދާޅުވީ ބްރިޖަކީ ދިވެހި ރައްޔިތުންގެ އުއްމީދާ ތަސައްވަރާ ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.
"ޗައިނާގެ ސަރުކާރުން ވިދާޅުވީ ރައްދެއްގެ ގޮތުން، މިއަހަރު ނިމުމުގެ ކުރިން ބްރިޖުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް،" މުންދު ވިދާޅުވިއެވެ.