01 Apr 2015, 15:03
ގްރޫޕުގެ 'އެޑްމިން' އަކަށް ވުމަށްފަހު އެ ގްރޫޕެއްގައި ހިމެނޭ މެމްބަރުން ޑިލީޓް ކުރުމާއި ގްރޫޕް ޗެޓް މެނޭޖް ކުރެވޭ އަޕްޑޭޓެއް ވައިބާ އިން ނެރެފި އެވެ.
ވައިބާއިން އިއްޔެ ނެރުން އަޕްޑޭޓުގައި ވައިބާއިން ވަނީ އެ އެޕްލިކޭޝަން ވާޝަން 5.3.0 އަށް ބަދަލުކޮށްފައެވެ.
އަލަށް ގެނައި ބަދަލާއެކު ގްރޫޕެއްގައި ހިމެނޭ މީހަކު އެ ގްރޫޕުން ވަކި ކުރަން ބޭނުންވާ ނަމަ އެޑްމިން އަށް އެމީހަކު ވަކި ކުރެވޭނެ އެވެ. ކުރިން ގްރޫޕެއްގެ މެންބަރަކު އެގްރޫޕުން ވަކިކުރެވޭނީ އެމީހަކު އަމިއްލަ އަށް ގްރޫޕް ދޫކޮށް ދިއުމުން އެކަންޏެވެ.
އަލަށް އައި އަޕްޑޭޓުގައި އެންޑްރޮއިޑް ޑިވައިސްތަކަށް އެންޑްރޮއިޑް ވެއާތައް ސަޕޯޓު ކުރާނެއެވެ. އެއާއެކު ސްމާޓްވޮޗް ފަދަ ތަކެތި ބޭނުން ކޮށްގެން މެސެޖު ކޮށް ހެދޭނެ އެވެ.
އެންޑްރޮއިޑް އަށާއި އައިއޯއެސް އަށް އައި އެ އަޕްޑޭޓުގައި ކޮންޓެކްޓް ލިސްޓުގައި ސޭވް ނުކޮށް ހުންނަ ނަމްބަރުތަކުގެ މައުލޫމާތާއި ފޮޓޯތައްވެސް ފެންނާނެ ކަމަށް ވައިބާ އިން ވަނީ ބުނެފައެވެ. އަދި މުޅި ޗެޓް އެކްސްޕީރިއަންސް އަށް ފަސޭހަ ތަކެއް އަންނާނެ ކަމަށް ވައިބާ އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ 516 މިލިއަނަށްވުރެ ގިނަ މީހުން ބޭނުން ކުރާ ވައިބާ އަކީ ސެލިއުލާ ކަނެކްޝަން އަކާއެކު ހިލޭ ޓެކްސްޓް ކުރުމާއި ފޯނު ކޯލު އަދި ވިޑިއޯ ކޯލު ކުރުމަށް ހާއްސަ ކޮށްފައިވާ އެޕްލިކޭޝަން އެކެވެ.