އެފްއޭއެމްގެ ގްރާސްރޫޓް ޕްރޮގްރާމް ހިންގުމުގެ މަސައްކަތް މި އަހަރު ފުރަތަމަ ޑިވިޝަންގެ އަށް ކްލަބާ ހަވާލުކޮށްފައި ވާއިރު، އެ ޕްރޮގްރާމްގެ ދަށުން މަހިބަދޫ ސްޕޯޓްސް ކްލަބުން ގާއިމް ކުރާ ޔޫތު އެކަޑަމީ އދ. މަހިބަދޫގައި ގާއިމްކުރަން ނިންމައިފި އެވެ.

ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ވާދަކުރާ ހަމައެކަނި ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ ކްލަބް ކަމަށްވާ މަހިބަދޫ ސްޕޯޓްސް ކްލަބުން ވަނީ އެ ރަށުގައި އެކަޑަމީ ހުޅުވަން ނިންމާފައި ވާކަން ހާމަކޮށް، އެ އެކަޑަމީގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުގެ އެކަޑަމީގައި ބައިވެރިވާން އެދޭ ފަރާތްތައް ފުރަންޖެހޭ ފޯމު ދޫކުރުމަށާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެ ރަށުގެ ވިނަރެސް ފިހާރައިންނެވެ. އަދި އެކަޑަމީގައި ބައިވެރިވާން އެދޭ ފަރާތްތައް ފޯމް ފުރުމަށް ފަހު ހުށަހެޅުމަށް އެ ކްލަބުން ކަނޑައަޅާފައިވާ ސުން ގަޑިއަކީ މި މަހުގެ އަށްވަނަ ދުވަހުގެ 18:00 އެވެ.

އެފްއޭއެމްގެ ގަވައިދުތަކާ އެއްގޮތަށް ތިން އުމުރުފުރާއަކަށް ބަހާލައިން ކުރިއަށް ގެންދާ މަހިބަދޫ ސްޕޯޓްސް ކްލަބްގެ އެކަޑަމީގައި ބައިވެރިކުރަން ނިންމާފައި ވަނީ ނުވަ އަހަރުން ދަށާއި، 11 އަހަރުން ދަށުގެ އިތުރުން 13 އަހަރުން ދަށުގެ ކުދިންނެވެ.

އަދި އެކަޑަމީގެ ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެ ކްލަބުން އެ ރަށު ސްކޫލްގައި އަޅާފައިވާ ޓާފް ދަނޑުގައެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބްގެ އެކަޑަމީގައި ބައިވެރިވާ ކުދިން ތަމްރީނުކުރަން ހަމަޖެފައި ވަނީ އެ ކްލަބުގެ ހެޑް ކޯޗް ޔޮރްދާން ސްޓޮއިކޮފްގެ އިތުރުން، އޭއެފްސީ 'ސީ' ލައިސެންސް ހާސިލްކޮށްފައިވާ ދެ ކޯޗުންގެ އިރުޝާދުގެ ދަށުންނެވެ.

މި އަހަރު އެފްއޭއެމުން އެ އެސޯސިއޭޝަންގެ ގްރާސްރޫޓް ޕްރޮފްރާމް ހިންގުމަށް ކަނޑައެޅި އާ އުސޫލުތަކުގެ ދަށުން، ފުރަތަމަ ޑިވިޝަންގައި ހިމެނޭ އަށް ކްލަބުންކުރެ ކޮންމެ ކްލަބަކުންވެސް ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށް އަދި 13 އަހަރުން ދަށުގެ އުމުރުފުރާތަކުން އެންމެ މަދުވެގެން 90 ކުދިން ތަމްރީނު ކުރަން ޖެހެއެވެ.

އެފްއޭއެމްގެ ގްރާސްރޫޓް ޕްރޮގްރާމް ހިންގުމަށް މި އަހަރު ކްލަބުތަކާ ހަވާލު ކުރި ނަމަވެސް، ކްލަބުތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވިލަރެސްކޮށް، އެކަމުގައި ކްލަބުތަކަށް އެހީތެރިވުމަށް އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިޕާޓްމަންޓާ ހަވާލު ކޮށްފައެވެ.