ސަރުކާރު ބަންދު ދުވަސްތަކުގައި ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދަށް ވެހިކަލް ވަނުން މަނާ ގަޑިތަކެއް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅައިފި އެވެ.

ވެހިކަލް ވަނުން މަނާކޮށްފައި ވަނީ އަމީނީމަގު މޫންލައިޓް ހިނގުން ގުޅޭ ކަންމަތިން ފެށިގެން އިރަށް ބޮޑުތަކުރުފާނު މަގާ ހަމަޔަށެވެ. އަދި ބޮޑުތަކުރުފާނުމަގުން ރަތްވިލާހިނގުން ގުޅޭ ކަންމަތިން ފެށިގެން އިރަށް ގޮސް ބޮޑުތަކުރުފާނު މަގާ ހަމަޔަށް ވެހިކަލް ވަނުން ވަނީ މަނާކޮށްފައެވެ.

އެގޮތުން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ފަތިހު 5:30 އިން ފެށިގެން ހެނދުނު 09:00 އާއި ހަމައަށް އަދި ހަވީރު 16:30 އިން ފެށިގެން 18:30 އަށް އެ ސަރަހައްދަށް އެއްގަމު ވެހިކަލް ވަނުން ވަނީ މަނާކޮށްފައެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ހަމަ އެ ގަޑިތަކުގައި އެ ސަރަހައްދަށް ވެހިކަލް ވަނުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މަނާކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެގޮތަށް ނިންމީ ލޮނުޒިޔާރަތްކޮޅު ޕާކު ހިމެނޭ ސަރަހައްދަކީ ހަފްތާބަންދާއި ސަރުކާރު ބަންދު ދުވަސްދުވަހު ވަކި ވަގުތެއްގައި ކަސްރަތުކުރުމާއި، އާއިލާއާއެކު ކުޑަކުދީން ވަރަށް ގިނައިން ގޮސްއުޅޭ ސަރަހައްދެއްކަމަށްވާތީ، އެކަމަށް މަގުފަހިކޮށް ރައްކާތެރިކަމާއެކު އެ ގަޑިތަކުގައި މީހުންނަށް ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ހަމަޖެއްސުމަށް ކަމަށެވެ.

އެކަން އަންގާ ބޯޑެއް މިހާރު ވަނީ ރާޅުގަނޑު ސަރަހައްދު ބޮޑުތަކުރުފާނު މަގުގައި ހަރުކޮށްފައެވެ.

ދުއްވާ އެއްޗެހި ދުއްވުން މަނާ ކޮށްފައިވާ ދުވަސްތަކާއި ވަގުތުތަކުގައި އެކަމާ ހިލާފުވާ ފަރާތްތަކާ ދޭތެރޭ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޓްރެފިކް ފުލުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.