ވިކްޓަރީއަށް ގެންނަން ނިންމާފައިވާ ސްރީލަންކާގެ 23 އަހަރުންދަށުގެ ޓީމުގެ ފޯވަޑް ޝަފްރާޒު ގެނެވޭނެކަމުގެ އުއްމީދު ކުޑަވުމުން އިތުރު ކުޅުންތެރިންނަށް ބަލަމުންދާ ކަމަށް ކްލަބުން ބުނެފި އެވެ.

ވިކްޓަރީގެ މެނޭޖަރ އަޙްމަދު އަޔާޒު ރަޝީދު ބުނީ ޝަފްރާޒު ކުޅެމުންދާ ލަންކާގެ ރިނޯންއިން ރިލީޒް ލިބިފައިވާ ކަމަށާއި ނަމަވެސް ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުން އޭނާގެ ރިލީޒް ދޭނެކަމުގެ މާބޮޑު އުއްމީދެއް ނެތް ކަމަށެވެ.

"އައިޓީސީ ހޯދަން ހުރިހާ ލިޔުންތަކެއް ހުށަހެޅުމަށްފަހު ލަންކާ ފެޑަރޭޝަނަށް ގުޅުމުން ބުނީ ޤައުމީ ޓީމުގައި އޭނާގެ ވަރަށް ގިނަ މެޗުތަކެއް އެބަހުއްޓޭ. އެހެންވީމާ އެހެން ކުޅުންތެރިއަކު ހޯދަންވީ ނޫންހޭ. އެހިސާބުން ކޮންމެވެސް ވަރަކަށް ވިސްނިއްޖެ އެމީހުން އޭނާގެ ރިލީޒްދޭން ބޭނުން ނުވާކަން. އެހެންވެ އެހެން ގޮތަކަށް ވިސްނަން ޖެހުނީ. އޭނާވެސް އަންނަ ގޮތަށް ހުރީ. މާދަމާގެ ނިޔަލަށް އޭނާގެ އައިޓީސީ ލިބިއްޖިއްޔާ އޭ އެފް ސީގެ ލިސްޓްގައިވެސް ހިމަނާނަން." އަޔާޒު ބުންޏެވެ.

އަޔާޒު ބުނީ އޭ އެފް ސީގެ ފުލް ލިސްޓް މާދަމާގެ ނިޔަލަށް ފޮނުވަން ޖެހޭ ކަމަށާއި އެހެންކަމުން ނައިޖީރިއާގެ ކުޅުންތެރިއަކަށާއި ކެމަރޫންގެ ކުޅުންތެރިއަކަށް ބަލަމުންދާ ކަމަށެވެ. "މީގެ ތެރެއިން މާދަމާއަށް ރިލީޒް ހަމަޖެހޭ ކުޅުންތެރިއެއްގެ ނަން ލިސްޓްގައި ހިމަނާނީ." އަޔާޒު ބުނީ ގާނާގެ ޑިފެންޑަރ މިހާރު މާލެ އައިސްފައިވާ ކަމަށާއި
އޭނާގެ އައިޓީސީ މިއަދު ލިބޭނެ ކަމަށް ފެޑަރޭޝަނުން ބުނެފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަށް ކުރި ދަތުރަށްފަހު ވިކްޓަރީގެ ޓީމު މާލެ އައިސްފައިވަނީ ރޭގައެވެ.