01 Apr 2015, 13:39
ރޭ ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި، ތިން މިނެޓުގެ ތެރޭ ކާމިޔާބުކުރި ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުން ސްޕެއިންގެ މައްޗަށް ނެދަލޭންޑްސް ކުރި ހޯދައިފިއެވެ.
ރޭގެ މެޗުގައި ނެދަލޭންޑްސްގެ ދެ ލަނޑުވެސް އެ ޓީމު ކާމިޔާބު ކުރީ ފުރަތަމަ ހާފްގައެވެ. ހާފް ފެށިތާ ފުރަތަމަ ވަގުތުކޮޅު ތެރޭ ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، 13 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ވެސްލީ ޝްނައިޑާ ނެގި ކޯނަރަކުން ސްޓެފަން ޑިވްރީ ވަނީ ނެދަލޭންޑަށް ލީޑު ހޯދަދީފައެވެ.
އޭގެ ދެ މިނެޓު ފަހުން ނެދަލޭންޑުގެ ލީޑު ފުޅާ ކޮށްލަދިނީ ގައުމީ ޓީމަށް އޭނާގެ ދެވަނަ މެޗު ކުޅެދިން 22 އަހަރުގެ ޑާވީ ކްލަސާން އެވެ. ވިލެމްސް ދިން ޕާހަކުން ޑާވީ ހެދި ފުރަތަމަ ޝޮޓު ސްޕެއިންގެ ކީޕަރު ޑޭވިޑް ޑި ގިއާ މަތަކުރި ނަމަވެސް، ޑާވީ ވަނީ ރީބައުންޑުން ލިބުނު ބޯޅަ ހުށިޔާރުކަމާއެކު ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.
ދެ ލަނޑުގެ ލީޑެއް ނެގުމަށް ފަހު ގިނަ ވަގުތު ބޯޅަ ހިފައްޓައިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައީ ނެދަލޭންޑްސް އެވެ. ސްޕެއިންގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެން ދިޔައީ މެޗުގެ 28 ވަނަ މިނެޓުގައި ޕީކޭގެ ފަރާތުންނެވެ. ނަމަވެސް ކޯނަރަކުން އުފެއްދި އެ ހަމަލާ ނެދަލޭންޑްސްގެ ކީޕަރު ކެނެތު ވާމީރް ވަނީ ދިފާއު ކޮށްފައެވެ.
ޕީކޭގެ ހަމަލާއާއެކު ސްޕެއިން ކުޅުން ރަނގަޅު ކޮށްފައި ވާއިރު، އޭގެ ތިން މިނެޓުފަހުން ސްޕެއިންގެ ޕެޑްރޯ ވެސް ވަނީ ވާމީރް އަށް ނުރައްކާތެރި ހަމަލާއެއް ދިފާއުކުރަން މަޖުބޫރު ކުރުވާފައެވެ. އަދި ފުރަތަމަ ޙާފްގެ ފަހު ވަގުތުކޮޅު ރަނގަޅު ކުޅުމެއް ދައްކާ، މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ ސްޕެއިން އެވެ.
ދެވަނަ ހާފް ފެށިތާ އަށް މިނެޓުތެރޭ ނެދަލޭންޑްސްގެ ބްރޫނޯ މާޓިންސްއަށް ލީޑު އިތުރަށް ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ ނަމަވެސް، އޭނާއަށް ވަނީ އެ ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ. ދެވަނަ ހާފްގައި ދެ ޓީމްވެސް ބަދަލުތަކެއް ގެނައި އިރު، ސްޕެއިންއަށް ކުޅެން އެރި ޑޭވިޑް ސިލްވާ 69 ވަނަ މިނެޓުގައި އުފެއްދި ހަމަލާ ވާމީރް ވަނީ ދިފާއު ކޮށްފައެވެ.
މެޗުގެ ފަހު ވަގުތުކޮޅު ސްޕެއިންގެ އަލްވާރޯ މިރާޓާ އާއި ސެސް ފެބްރިގާސް ނެދަލޭންޑްސްގެ ޑިފެންސަށް ޕްރެޝާ ކުރި ނަމަވެސް، އެ ޓީމަށް ވަނީ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވެގޮތް ނުވެފައެވެ. އެންމެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމް ބައްދަލުކުރި މެޗުވެސް ނެދަލޭންޑްސް ކާމިޔާބުކުރީ ތަފާތު ބޮޑު 5-1 ގެ ނަތީޖާއަކުން ނެވެ.