ވައިގެ މަގުން ދަތުރުކުރާއިރު ގެންދިޔުން މަނާތަކެއްޗާމެދު މިހާރަށް ވުރެ ބޮޑަށް އާންމުން ހޭލުންތެރިކުރުވަންޖެހޭ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޯހުގެ 50 ވަނަ ބުރު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ކޯސްޓުގާޑު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އޭވިއޭޝަން ދާއިރާއާ ގުޅޭ ކަންކަން އާންމުންނަށް ސާފުވެފައިވާ މިންވަރާ މެދު ބައެއްފަހަރަށް ސުވާލުއެފެދޭ ކަމަށެވެ. އެގޮތުން މަދަނީ ވައިގެ ދަތުރުތަކުގައި އުފުލުން މަނާތަކެތި ފާހަގަކޮށްފައިވީ ނަމަވެސް މިހާރު ވެސް އެފަދަ ތަކެތި ދަތުރުތަކުގައި ފެންނަމުންދާކަން ޒަކަރިއްޔާ މަންސޫރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ބައެއް ކެމިކަލްތަކާއި ގަސްކާނާގެ އިތުރުން ވަޅި އާއި ފެންފުޅި ފަދަ މަނާތަކެތި އަތްދަބަހުގައި އުފުލާކަން ފާހަގަ ކުރެއްވި އެވެ.

"މިއަދު ވެސް އަތްދަބަހުން ނެގޭ ވަޅި، ފެންފުޅި އާއި މިނޫން ވެސް އުފުލުން މަނާ ތަކެތި އަޅުގަނޑުމެންނަށް ފެންނަމުންދޭ،" ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

އޭވިއޭޝަން ދާއިރާއިން ކުރާ މަސައްކަތުގެ އިތުރުން އާންމުން ހޭލުންތެރިކުރުވަން މަސައްކަތް ކުރަންޖެހޭ ކަމަށާއި ކޮންމެ މީހަކީ އެފަދަ މިންގަނޑުތައް އެނގޭނެ މީހެއް ނޫންކަން ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ހާރިސް ވިދާޅުވީ މަދަނީ ވައިގެ އިންޑަސްޓްރީއަށް ޖިނާއީ ކުށްތައް މިހާރު އަންނަނީ ވަންނަމުން ކަމަށާއި އޭގެތެރޭ އެއާޕޯޓުތަކާއި އެއާލައިންތަކަށް ޓާގެޓް ކުރެވިގެން ޓެރަރިޒަމްގެ މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ އޭވިއޭޝަން ކޮމާންޑްގެ އެންމެ އިސް ކަމަކީ ނުރައްކާތެރި ހާލަތްތައް ދެނެގަތުން ކަމަށާއި ދެން އޮންނަނީ އެފަދަ ހާލަތެއް މެދުވެރިވުމުން އެކަން މެނޭޖް ކުރުން ކަމަށެވެ. އެގޮތުން މާލޭގެ އެއާޕޯޓަށް ބަލާލުމުން ވެސް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް މިހާރުވެސް ފާހަގަ ކުރެވޭނެ ކަމަށެވެ.

އޭވިއޭޝަން ދާއިރާއިން މުވައްޒަފުން ތަމްރީން ކުރުމުގެ 50 ވަނަ ބުރުގައި ބައިވެރިވެފައިވަނީ އައިއެންއައިއޭގެ 12 މުވައްޒަފުންނާއި ކާޑެއްދޫ އެއާޕޯޓުގެ އަށް މުވައްޒަފުންނާއި ކޫއްޑޫ އެއާޕޯޓުގެ މުވައްޒަފަކާއި ކައްދޫ އެއާޕޯޓުގެ މުވައްޒަފެކެވެ.

ޖުމްލަ 22 މުވައްޒަފުން ބައިވެރިވި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ފެބުރުއަރީ 18 އިން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން 14 މޮޑިއުލަކަށް އެކޯހުގައި ކިޔަވައިދީފައިވެ އެވެ.