01 Apr 2015, 13:12
އިސްލާމިކް ޔުނިވާސިޓީ ބިލު ދިރާސާކޮށް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެ ބިލް ދިރާސާކުރާ ގައުމީ ތަރައްގީ ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖެއަށް އަލަށް ތައާރަފް ކުރާ އިސްލާމިކް ޔުނިވާސިޓީ ބިލުގެ މަސައްކަތް ކުރިން ނިންމަން ހަމަޖައްސާފައި ވަނީ މާޗު މަހުގެ ނިޔަލަށެވެ.
އެ މުއްދަތުގައި ބިލުގެ މަސައްކަތް ނުނިމި ލަސްވެގެން ދިޔަ ސަބަބާ ގުޅޭ ގޮތުން މިއަދު "ސަން" އާ ވާހަކަފުޅުދައްކަވަމުން ޝުޖާއު ވިދާޅުވީ ޔުނިވާސިޓީގެ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށާއި އެފަދަ މުހިއްމު ބިލެއް ދިރާސާ ކުރާއިރު ކޯރަމް ހަމަވާން ޖެހޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
"ބައެއް މެމްބަރުން ރަށަކު ނޫޅުއްވާ. އެއީ ވަރަށް އަވަހަށް އެބައޮތް ދެއްތޯ ބައި އިލެކްޝަނެއް. އެ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ވަރަށް ގިނަ މެމްބަރުން ވީ ރަށުން ބޭރުގައި. އަޅުގަނޑު މި ކޮމިޓީގެ މުގައްރިރު ކަމުގައި ވިއަސް އަޅުގަނޑަށް މި މަސައްކަތް ކުރެވޭނީ ހުރިހާ ޕާޓީއެއްގެ ވެސް އެއްބާރުލުން ލިބިގެން ދެއްތޯ،" ޝުޖާ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރުން "އަމަލީ ގޮތުން ކޮމިޓީގެ މަސައްކަތުގައި ބައިވެރިނުވާނެ" ކަމަށް އެޕާޓީގެ މެމްބަރުން ވިދާޅުވެފައިވާ ކަމަށް ވެސް ޝުޖާ ވިދާޅުވި އެވެ.
ޝުޖާ ވިދާޅުވީ ބިލާ ގުޅޭ ގޮތުން ކޮމެންޓު ހޯދަންޖެހޭ ފަރާތްތަކުގެ ކޮމެންޓު މިހާރު ލިބިފައިވާ ކަމަށާއި ފެށޭ ހަފްތާގެ ތެރޭގައި މެމްބަރުން ވަޑައިގަތުމުން ކޮމިޓީ ބާއްވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދޭން ބޭނުން ވަނީ މި މަސް ނިމުމުގެ ކުރިން ބިލުގެ މަސައްކަތް ނިންމާނަން އަޅުގަނޑުމެން،" ޝުޖާއު ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ މިއަދުގެ ސަރުކާރުންނާއި ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ކުރަމުންދާ މަސައްކަތަކީ ދިވެހި ރާއްޖޭގައި އިސްލާމީ ވަހުދަތު ގާއިމް ކުރުމާއި ތުއްތު ކުދިންނާއި ޒުވާނުންގެ މެދުގައި އިސްލާމްދީނާ މެދު ލޯބި ޖެއްސުން ކަމަށެވެ.