01 Apr 2015, 13:01
އުފަންވާއިރު ކުދިންނަށް ދިމާވެފައިވާ ސިއްހީ މައްސަލަތައް ހައްލުކުުރުމަށްޓައި ވޯލްޑް ހެލްތް އޯގަނައިޒޭޝަނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މަސައްކަތު ބައްދަލުވުމެއް މިއަދު ހެނދުނު ފަށައިފި އެވެ.
ޝައިން ޓްރީ ބިލްޑިންގައި ދެ ދުވަހަށް ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި 47 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މީގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އައިޖިއެމްޗާއި އޭޑީކޭގެ ޑޮކްޓަރުންނާއި އަތޮޅުތެރޭގެ ސިއްހީދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި އދ.ގެ އެޖެންސީތަކާއި އަމިއްލަ ޖަމްއިއްޔާތައް ހިމެނެއެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޗައިލްޑް ހެލްތު ޑިޕާޓްމެންޓްގެ މެޑިކަލް އޮފިސަރު ޑރ. ރާޖޭޝް މެތުރާ ވިދާޅުވީ، ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ އަދަދު ރާއްޖޭން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ވިހާއިރު ދިމާވެފައިވާ ސިއްހީ މައްސަލަތައް މަދު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
ޑަބްލިއުއެޗްއޯ އާއި ހެލްތްޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ޑރ. ރާޖޭޝް މެތްރާ މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު
އުފަންވާއިރު ދިމާވެފައިވާ ސިއްހީ މައްސަލަތައް ހައްލުކުުރުމަށް މި ބައްދަލުވުމުގައި ޕްލޭނެއް އެކުލަވާލާނެ ކަމަށް ޑރ. ރާޖޭޝް ވިދާޅުވި އެވެ.
ރާއްޖޭގައި އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން 60 ކުދިން އުފަންވަނީ ސިއްޚީ ތަފާތު މައްސަލަތަކާއި އެކު ކަމަށް ޑރ. ރާޖޭޝް މެތުރާ ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގައި އުފަންވާ ކުދިންގެ ތެރެއިން 6 އިއްސައްތަަ ކުދިން އުފަންވަނީ ސީރިއަސް ސިއްހީ މައްސަލަތަކާއި އެކު ކަމަށް ޑަބްލިއުއެޗް އޯއިން ބުނެއެވެ. މިއީ ގާތްގަނޑަކަށް 8 މިލިއަން ކުދިންނެވެ.