01 Apr 2015, 12:25
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އަށް 20 އަހަރު ފުރުމާއެކު ބައިނަލްއަގުވާމީ ފެންވަރެއްގެ ސެޓްފިކެޓްތަކެއް ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީއަށް 20 އަހަރު ފުރުމާ ގުޅިގެން 'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނިން މިހާރު ފޯރުކޮށްދޭ ފެނުގެ ހިދުމަތަކީވެސް އައިއެސްއޯ ސެޓިފައިޑް ފެނެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ނަރުދަމާއާއި ފެނުގެ ހިދުމަތްތައްވެސް ބައިނަލްއަގުވާމީ ފެންވަރަކަށް ގެންގޮސް ބައިނަލްއަގުވާމީ މަގާމްތަކެއް ހޯދުން އަމާޒު ހިފާފައިވާކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމާޒަކަށް މިވަނީ އަޅުގަނޑުމެންނަށް އެޅޭ ނަރުދަމާއަކަށް ވިޔަސް، ފެނުގެ ނިޒާމް ކަމުގައި ވިޔަސް ނޫނިއްޔާ އެހެނިހެން ފެނާއި ނަރުދަމާގެ ވަސީލަތްތައް އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އިންޓަނޭޝަނަލީ ރިކޮގަނައިޒްޑް ސެޓްފިކެޓުތަކެއް ކުރިއަށް އޮތްތަނުގައި ހާސިލް ކުރަން." ފަޒުލް ވިދާޅުވިއެވެ.
މިހާރު އަޅަމުންދާ ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ ތެރެއިން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި ފޯރުކޮށްދޭ ފެނަނީވެސް ވަކި ހާއްސަ ފެންވަރެއްގައި ވަކި ކޮލިޓީއެއްގެ ދަށުން ދޭ ހިދުމަތެއް ކަމަށް ވިދާޅުވިއެވެ.
"ފެންފޯރުކޮށްދޭ ނިޒާމުގެ ތެރޭގައި ވަކި ކޮލެޓީއެއް ހިފަހައްޓައި، ވަކި ކޮލެޓީއަކަށް ކޭޓާ ކުރެވޭތޯ އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ރެންޑަމްކޮށް އަދި ދާއިމީ ގޮތެއްގައިވެސް އަޅުގަނޑުމެން ސާމްޕަލް ނަގައި އަޅުގަނޑުމެންގެ ލެބޯޓުރީ މެޑުވެރިވެގެން އެ ސާމްޕަލްގެ ޓެސްޓުތައް ހެދި އަޅުގަނޑުމެންނަށް ރައްޔިތުންނަށް މިފޯރުކޮށްދެވޭ ފެނަކީ ކޮލެޓީއަދި އިންޓަނޭޝަނަލް ސްޓޭންޑަޑްސް އައިއެސްއޯ ގަބޫލްކުރާ ފެންކަމުގައި ޔަގީންކުރެވޭ ހާލަތުގައި މިހާރު އެމްޑަބްލިޔްއެސްސީ މިއޮތީ،" ފަޒުލް ވިދާޅުވި އެވެ.
މީގެ 20 އަހަރުކުރިން މާލެ ސަރަހައްދަށް ފެނުގެ ހިދުމަތްދޭން ފެށި އެ ކުންފުނީގެ ހިދުމަތް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާވެފައި ކަމަށާއި ކުރިއަށް އޮތްތަނުގައި އެކުންފުނިން ފެނާއި ނަރުދަމާގެ ނިޒާމް ރިސޯޓްތަކަށް ދީގެން ވިޔަފާރި ފުޅާ ކުރުމުގެ ވިސްނުންގެންގުޅުއްވާ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
އެކުންފުނިން އިތުރަށް އަމާޒު ހިފާފައިވަނީ ކުންފުނި ފުޅާކޮށް އަތޮޅުތެރެއަށް ހިދުމަތް ދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް 15 އަށް ވުރެ ގިނަ ޕްރޮޖެކްޓް މިއަހަރު ތެރޭގައިވެސް އެބަ ކުރިއަށް ގެންދަން. ތަފާތު އެކި ރަށްރަށުގައި ފެނުގެ ހިދުމަތުގެ ތިން ޕްރޮޖެކްޓް އަދި މީގެ އިތުރުންވެސް ނަރުދަމާގެ ނިޒާމުގެ އެކި ހިދުމަތްތައްވެސް ކުރިއަށްގެންދަން،" ފަޒުލް ވިދާޅުވިއެވެ.
އެމްޑަބްލިޔްއެސްސީއަށް 20 އަހަރު ފުރިފައިވާއިރު އެކުންފުނިން މިހާރު ދަނީ މާލެ ސަރަހައްދަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުންނެވެ.