01 Apr 2015, 10:16
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އަލަށް ތައާރަފްކުރެވުނު ޓެކްޓިކަލް ޔުނީފޯމް މިއަދު ބޭނުންކުރަން ފަށައިފިއެވެ.
މި ޔުނީފޯމަކީ މިހާރު ކަރެކްޝަނަލް ސާވިސް ގައި ބޭނުންކުރާ ވޯކިންްގ ޔުނީފޯމާ ޚިލާފަށް މަސައްކަތު މާހައުލުގައި ބޭނުންކުރުމަށް ފަސޭހަވާނޭހެން ފަރުމާކުރެވިފައިވާ ޔުނީފޯމެއް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ޔުނީފޯމްގެ ސަބަބުން މަސައްކަތު މާހައުލުގައި އުޅޭ އުޅުމުގައާއި ޚިދުމަތް ދިނުމުގައި އޮފިސަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޓެކްޓިކަލް ޔުނީފޯމްގެ ކުލައަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކުލަ ކަމުގައިވާ އަޅިކުލައެވެ. މި ޔުނީފޯރމް ތައާރަފް ކުރުމަށްޓަކައި ޖަލުތަކުގައި މިއަދު ވަނީ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތު ތަކުގައި ކޮމިޝަންޑް އޮފިސަރުންނާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.
ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ޝަރަފްވެރިކޮށްދެއްވާފައިވާއިރު މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލްއެވެ. މި ރަސްމިއްޔާތުގައި ޕްރިޒަން އޮފިސަރުންގެ އަޒުމް ކިޔުމާއި ކޮމިޝަނާ އޮފް ޕްރިޒަންގެ ޚިތާބު އިއްވުން އޮތެވެ.