01 Apr 2015, 10:04
މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އިބްރާހީމް ޝަބާޢު ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ހަމަޖައްސައިފިއެވެ.
ޝަބާޢު މާސްޓާސް ޑިގްރީ އަދި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލުކުރައްވާފައިވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް މެލްބަރން އިންނެވެ. އަދި ބެޗެލަރސް ޑިގްރީ ހާސިލުކުރައްވާފައިވަނީ ޔުނިވާސިޓީ އޮފް ދަ ސައުތް ޕެސިފިކް، ސަމޯއާ އިންނެވެ.
އޭނާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1995 ގައެވެ. މަތީ ތައުލީމް ހާސިލުކުރެއްވުމަށްފަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގައި ތަފާތު ލެވެލް ތަކުގައި އޭނާ ވަނީ 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައެވެ. މިގޮތުން، ސީނިއާ އެގްރިކަލްޗާ އޮފިސަރު ކަމާއި ޑިރެކްޓަރު އަދި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފަދަ މަގާމްތައް ފުރުއްވިއެވެ.
މި މުއްދަތުގެ ތެރޭގައި ޔޫއެންޑީޕީ، އެފްއޭއޯ، އިފާޑް އަދި އޭޑީބީ ފަދަ ބޭރުގެ އެހީދޭ ޖަމާއަތްތަކާ ގުޅިގެން ރާއްޖޭގައި ހިންގަވާފައިވާ މަޝްރޫއުތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި ވަޒީފާ އަދާކުރައްވަމުން، ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕެރޭޝަން (ސާކް) ގެ އެގްރިކަލްޗާ ސެންޓަރު އަދި ފޮރެސްޓްރީ ސެންޓަރު ގެ ގަވާނިންގް ބޯޑުގެ މެމްބަރުކަން ފަސް އަހަރު ވަންދެން ޝަބާޢު ވަނީ ފުރުއްވާފައެވެ. އަދި، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާއި ބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާ (އޯއައިއީ) އަށް ރާއްޖޭން ކަނޑައަޅާ ކަންޓްރީ ޑެލެގޭޓްގެ މަގާމު ވެސް އޭނާ ވަނީ 2012 އިން 2014 އަށް ފުރުއްވާފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ބޭފުޅަކު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަންވަރު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.