ލޮޒާން (އެޕްރީލް 31): އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސްވިސްޓްޒަލޭންޑް ގެ ލޮޒާންގައި ކުރިޔަށްދާ ނިއުކްލިއަ ވާހަކަތައް ކާމިޔާބުވުމާ ގުޅިގެން އެކަމާބެހޭ އެއްބަސްވުމެއްގެ ދެލިކޮޕީ ތައްޔާރު ކުރުމުގެ މަސައްކަތް ދެފަރާތުގެ ފަންނީ ތަޖްރިބާކާރުން ފަށައިިފި އެވެ.

މިވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ، އީރާނުގެ ނިއުކްލިއަ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވިހުރި މައިގަނޑު ހުރިހާ މައްސަލަތަކެއް މިހާރު ޙައްލު ކުރެވިފައިވާ ކަަމަށާއި ދެންހުރީ ޙައްލުކުރެވިފައިވާ މައްސަލަތަކާގުޅޭ ފަންނީ ކަންތައްތައް ކަމުގައެވެ. މިކަންތައްތައްވެސް އަންނަ ޖޫންމަހުގެ ކުރިން ނިންމުމަށް އެއްބަސްވެފައިވާ ކަމަށް ލާވްރޯވް ވިދާޅުވިއެވެ.

ލާވްރޯވް ވިދާޅުވީ، ފަންނީ މައްސަލަތަކަކީ ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް މައްސަލަތަކެއް ކަމަށާއި އެހެންކަމުން އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅަނގުގެ ބާރުތަކާއި އީރާނާދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ދެލިކޮޕީ ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައެވެ.

އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސްވިސްޓްޒަލޭންޑްގެ ލޮޒާންގައި ކުރިޔަށްދާ ނިއުކްލިއަ ވާހަކަތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބުމާ ގުޅިގެން އެވާހަކަތައް އިތުރު ދުވަހަކަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ފާއިތުވި ދެތިން ދުވަހުގެ ވާހަކަތަކުން އީރާނުގެ ނިއުކްލިއަ މައްސަލައަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދިޔުމަކީ މިވާހަކަތައް އިތުރު ދުވަހަކަށް ދިގުދެންމުމަށް ނިންމި ސަބަބު ކަމުގައެވެ.

އީރާނުގެ ނިއުކްލިއަ މައްސަލައިގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ކަނޑައަޅާފައިވާ ސުންގަނޑި ރޭ މެންދަމު 12 ޖަހާއިރަށް ހަމަވެފައިވާއިރު އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ހުރަސްއަޅާ ތިންމައްސަލައިގެ ތެރެއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މައްސަލަ ވަނީ ޙައްލުވެފައެވެ. ބާކީ އަނެއް ދެ މައްސަލަވެސް މިހާރު ވަނީ ޙައްލުވެފައި ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ސުންގަޑި އެއްދުވަހުގެ މުއްދަތަށް ވަނީ އިތުރުކޮށްފައެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް އީރާން ބޭނުންވާއިރު ދުނިޔޭގެ ބާރުތަކުން ބޭނުންވަނީ މަރްޙަލާތަކަކަށް ބަހާލައިގެން މިފިޔަވަޅުތައް އުވާލުމަށެވެ. މިމައްސަލައިގައި މެދުމިނުގެ ޙައްލަކަށް ދެފަރާތުންވެސް އެއްބަސްވެފައިވާއިރު އެއްބަސްވި ގޮތުގެ ތަފްސީލް ހާމަކޮށްފައެއްނުވެއެެވެ.

މިވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ، މިހާތަނަށް ލިބުނު ކުރިއެރުންތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އީރާނުގެ ނިއުކްލިއަ މައްސަލައާ ގުޅިފައިވާ ފަންނީ ތަފްސީލްތަކުގެ ކަންތައްތައްވެސް ޙައްލުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުގެ ވަގުތާޖެހެންދެން ޙައްލުކުރުމަށް އުނދަނގޫވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އީރާނުގެ ނިއުކްލިއަ ހަރަކާތްތައް ބަލައިމޮނިޓަރކުރާ މުއްދަތުގެ މައްސަލައާއި ނިއުކްލިއަ ސެންޓްރިފިއުޖް މެޝިން އުފެއްދުމުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އީރާން ކުރިޔަށްގެންދާ ރީސާޗް މަސައްކަތްތައް ހުއްޓާލުމުގެ މައްސަލައެވެ.

ކުރިޔަށްއޮތް 10 އަހަރު ތެރޭގައި އީރާނުން ނިއުކްލިއަ ހަތިޔާރު ނުއުފައްދާނެކަމުގެ ޔަގީންކަން ދުނިޔޭގެ ބާރުތަކުން ބޭނުންވާއިރު ނިއުކްލިއަ ސެންޓްރިފިއުޖްގެ ރީސާޗް މަސައްކަތާއި ޔޫރޭނިޔަމް ފައްކާކުރުމުގެ އަމަލީ މަސައްކަތްވެސް ވަކިފެންވަރެއްގައި ހުއްޓާނުލައި ކުރިޔަށް ގެންދަންވެސް އީރާން ބޭނުންވެއެވެ.

އަނެއްކޮޅުން އީރާނުގެ ނިއުކްލިއަ ހަރަކާތްތައް ބަލައިމޮނިޓަރކުރުމުގެ މުއްދަތު 15 އަހަރަށް އިތުރު ކުރުމަށް ދުނިޔޭގެ ބާރުތައް ބޭނުންވާއިރު އެ މުއްދަތު 10 އަހަރަށް ވުރެ އިތުރު ކުރުމަށް އީރާން ދެކޮޅު ހެދުމަކީވެސް ޖެހުުނު ބޮޑު މައްސަލައެކެވެ. އެމައްސަލަ ވެސް މިހާރުވަނީ ޙައްލުވެފައެވެ. (އަލްޖަޒީރާ)