އައްޑޫ އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާއަށް ވެސް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ފޮނުވާލެވޭނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަލީ މޫސާ މިއަދު ސަން އަށް ވިދާޅުވީ، އެހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 16 އަހަރުގެ އަންހެން ކުއްޖާއަށް އެކަނި ކަމަށެވެ. ނަމަވެސް އެކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަންހެން ކުއްޖާ ހާލު ރަނގަޅު. އެހެންނަމަވެސް ސީޓީ ސްކޭންފަދަ އެއްޗެހި އަދި ހަދަންޖެހޭތީ މިއަދު މާލެ ގެންދެވޭތޯ މިބަލަނީ،" އަލީ މޫސާ ވިދާޅުވި އެވެ.

އައްޑޫސިޓީ ހިތަދޫ ލިންކްރޯޑުގައި ދެ ސައިކަލު ޖެހި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ޒަހަމްވި 16، އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ރޭ ވަނީ މަރުވެފައެވެ.

އިއްޔެ އެކްސިޑެންޓު ހިނގިއިރު އެއް ސައިކަލު ދުއްވަން އިނީ 16 އަހަރުގެ ކުއްޖެކެވެ. ދެވަނަ ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ކުއްޖެކެވެ. އޭނާގެ ފަހަތުގައި ސައިކަލުގައި އިނީ 16 އަހަރުގެ އަންހެން ކުއްޖެކެވެ.