ބަޣްދާދު (އެޕްރީލް 1): ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކަށްފަހު އިރާގުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ތިކްރީތު، އައިއެސް ޖަމާއަތުގެ އަތްދަށުން މިނިވަން ކުރެވިއްޖެކަން އިރާގުގެ ބޮޑުވަޒީރު ހައިދަރު އަބާދީ އިޢްލާން ކުރައްވައިފި އެވެ.

އިރާގުގެ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި އަބާދީ ވިދާޅުވީ، ތިކްރީތު މިނިވަންކޮށް އެރަށުގައިވާ މުއައްސަސާތަކުގައި އިރާގުގެ ރަސްމީ ދިދަ އަލުން ނަގާފައިވާ ކަމަށާއި ނަމަވެސް އެރަށުގެ ތިން ސަރަހައްދެއްގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާއި އިރާގު ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލުކުރެވެމުންދާކަމުގައެވެ.

ތިކްރީތު މިނިވަން ކުރުމުގައި އިރާގު ސިފައިންނަށް އެހީތެރިވެފައިވަނީ ސަރުކާރަށް ތާއީދުކުރާ މިލީޝިޔާ ހަނގުރާމަވެރިންނެވެ. މީގެއިތުރުން ތިކްރީތުގައިވާ އައިއެސް ޖަމާއަތުގެ ބައެއް މަރުކަޒުތަކަށް އެމެރިކާ ސިފައިން ވައިގެމަގުންވެސް ޙަމަލާތައްދީފައިވެއެވެ. ނަމަވެސް އެއްގަމުމަގުން އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކޮށްގެން ކާމިޔާބު ހޯދީ އިރާގުގެ ސިފައިންނެވެ.

އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ އަތްދަށުން ރޭގެ ވަގުތެއްގައި ތިކްރީތު މިނިވަން ކުރެވިފައިވާއިރު މިކަމަށްޓަކައި އިރާގު ސިފައިން ފެށި އަސްކަރީ އޮޕަރޭޝަނަށް މަސްދުވަސް ވެފައިވެއެވެ.

ތިކްރީތުގައި ފައިހަރުކޮށްގެން ތިބި އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމުގައި އިރާގު ސިފައިންް ބޮޑެތި ގުރްބާނީތަކެއްވެ އެތަށް ބަޔަކުމަރުވެފައިވާއިރު އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް ކޯލިޝަނުން ދިން ވައިގެ ޙަމަލާތަކުގައި އެޖަމާއަތުގެ އެތަށް ސަތޭކަ ހަނގުރާމަވެރިން ވެސްވަނީ މަރުވެގެން ގޮސްފައެވެ.

ތިކްރީތު މިނިވަން ކުރެވުމަކީ އައިއެސްއަށް ލިބުނު ވަރަށް ބޮޑުނާކާމިޔާބީއެއް ކަމަށް މުރާސިލުން ސިފަކުރާއިރު އައިއެސް ހަނގުރާމަވެރިންވަނީ އުތުރުގެ ސަލާހުއްދީން ގަވަނޭޓުގެ ހަތަރުބައިކުޅަ ތިންބައި ސަރަހައްދުން ބޭރުކޮށްލެވިފައެވެ. މީގެކުރިން އެގަވަނޭޓްގެ އެހެން ސަރަހައްދުތައް އައިއެސްގެ ހަނގުރާމަވެރިނގެ އަތްދަށުން މިނިވަން ކުރުމުގައިވެސް އިރާގު ސިފައިންވަނީ ކާމިޔާބު ހޯދާފައެވެ. (އަލްޖަޒީރާ)