ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއެކު މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބައްދަލުވުމެއް ބާއްވައިފި އެވެ.

ދިޓީވީއާ އިންވެގެން ހުންނަ އިމާރާތުގައި ސިޔާސީ ބޭފުޅުންނާ އުއްޗު ބައްދަލު ކުރައްވާ ތަކުގައި ބޭއްވި ބައްދަލުވުން ތިން ގަޑިއިރަށް ކުރިއަށް ދިޔަ އެވެ. މިރޭ 11 ޖެހިއިރު، ގާސިމާއި އުއްޗު ބައްދަލު ކުރައްވަމުން ގެންދަވަނިކޮށް، މިނިސްޓަރު އަދީބު އެ ބައްދަލުވުމާ ގުޅިވަޑައިގެންނެވީ މެންދަމު 1:00 ޖަހަން އުޅެނިކޮށެވެ.

ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، މިނިސްޓަރު އަދީބު އިމާރާތުން ނުކުމެވަޑައިގެންނެވުމުން "ސަން"އިން ސުވާލު ކުރުމުން އެމަނިކުފާނު އެ ބައްދަލުވުމާ ގުޅޭ ގޮތުން ކޮމެންޓެއް ނުކުރެއްވި އެވެ.

ގާސިމާ ސުވާލު ކުރެއްވުމުން ވިދާޅުވީ "ބައްދަލު ކުރެއްވި ސަބަބު އެނގެން ނުޖެހޭނެ" ކަމަށެވެ.

ބައްދަލުވުން ނިއްމަވާލެއްވުމަށްފަހު ގާސިމް ކާރަށް އަރައިވަޑައިގަންނަވާ ވަގުތު "ސަން"އިން (ކ) ސުވާލު ކުރަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހު ވެސް އެ ތިން ބޭފުޅުން ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެއްބަސްވީ ގާސިމަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެނައުމަށެވެ. އެ ބައްދަލުވުން ބޭއްވި ދުވަހު ނޫން، އަނެއް ދުވަހު އެ ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވާ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އެ ބިލް އަނބުރާ ގެންނެވިކަން އިއުލާން ކުރައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު ގާސިމް އިބްރާހިމް ވަނީ ސަރުކާރާ ދެކޮޅަށް ހިންގާ ހަރާކާތްތަކުން "ގެއްލިފަ" އެވެ. ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ފެށި ހަރަކާތުން ވެސް ފަހަކަށް އައިސް ގާސިމް ނުފެނެ އެވެ.

އަނިޔާއާ ދެކޮޅަށް ކަމަށް ބުނެ އެމްޑީޕީއާއި އަދާލަތު ޕާޓީން ކުރިއަށް ގެންދާ ސީދާ ހަރަކާތުގެ މުޒާހަރާތަކުގައި ޖުމްހޫރީ ޕާޓީއެއް ބައިވެރިނުވެ އެވެ. އެ ހަރަކާތުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ އަމިއްލަ ގޮތުންނެވެ.

މާޗް 2، 2015، ގައި ގާސިމާއި އުއްޗު އަދި އަދީބު ބޭއްވި ބައްދަލުވުމަށްފަހު ތިން ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން--