އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި 16 އަހަރުގެ ފިރިހެން ކުއްޖާ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.

އެކްސިޑެންޓުގައި ބޮލަށް ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައި ވަނީ ހިތަދޫ، ސޭވާ، މުހައްމަދު އަޔާދު، 16، އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަލީ މޫސާ "ސަން"އަށް ވިދާޅުވީ އިޔާދު މަރުވީ މިރޭ މެންދަމު 1:00 ޖަހަން އުޅެނިކޮށް، އައިސީޔޫގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޔާދު މަރުވެފައި ވަނީ އޭނާގެ ހާލަތު ސީރިއަސްކަމުން މާލެ ނުގެނެވި އުޅެނިކޮށް ކަމަށެވެ. ނަމަވެސް އެ އެކްސިޑެންޓުގައި އަނިޔާވި ހިތަދޫ މެރިން ގޮލްޑްއާގޭ، ސައިފުﷲ އަލީ، 18، ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.

އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑުގައި މިއަދު ހަވީރު އެ އެކްސިޑެންޓު ހިނގާފައިވަނީ އެމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެންނެވެ. އެ ދެ ސައިކަލް ވެސް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތިން މީހަކަށް އަނިޔާވި އެކްސިޑެންޓުގައި ހާނިކަތަކެއް ލިބިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ދަނީ ފަރުވާ ދެމުންނެވެ.