21 Feb 2011, 14:11
ސަރުކާރުގެ އެހެން އޮފީހަކަށް ބަދަލުކުރެއްވިޔަސް އަދި އެހެނިހެން ގޮތް ގޮތުން އުނދަގޫކުރެއްވިޔަސް ސަރުކާރުން އިސްތިއުފާނުދެއްވާނެ ކަމަށް ސްޓޭޓް މިނިސްޓާ، ކޮންޓްރޯލާ އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް އިލްޔާސް ބަދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ ގުޅޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި އިލްޔާސް ވިދާޅުވީ، މިހާތަނަށް އެކަމާ ގުޅޭ އެއްވެސް އެއްޗެއް ރަސްމީކޮށް ރައީސް އޮފީހުން އަންގަވައިފައި ނުވާ ކަމަށާއި މަގާމު ބަދަލުކުރި ކަމުގެ ޗިޓު ވެސް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
އަދި މަގާމު ގަބޫލުކުރެއްވުމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެވޭނީ ރަސްމީކޮށް ޗިޓު ލިބިވަޑައިގަތުމުން ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
އިމިގްރޭޝަނުން އެހެން އޮފީހަކަށް ބަދަލުކުރައްވައިފި ނަމަ އެކަން ގަބޫލުކުރައްވާނަންތޯ ދެންނެވުމުން އިލްޔާސް ވިދާޅުވީ، ކިތަންމެ އުނދަގުލެއް ކުރިޔަސް ސަރުކާރުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި އެހެން އޮފީހެއްގައި ހުންނަވައިގެން ވިޔަސް ސަރުކާރަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ އިސްތިއުފާދޭނެ މީހެއް ނޫން. އަޅުގަނޑު ގަބޫލުކުރަނީ މި ސަރުކާރުގައި އަޅުގަނޑުގެ ވެސް ހިއްސާއެއް އޮންނަންވާނެ ކަމަށް. އަޅުގަނޑު އިސްތިއުފާނުދޭނެން. ޖެހޭނީ އަޅުގަނޑު ކަނޑާލަން. އަޅުގަނޑު ގެއަށް ފޮނުވާލަން. އަޅުގަނޑަށް އުނގަދޫކޮށްގެނެއް އިސްތިއުފާއެއް ނުދޭނަން،" އިލްޔާސް ވިދާޅުވި އެވެ. އަދި "ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓާ އަޅުވާ ޗޭންޖްކުރަންޏާ ]ބަދަލުކުރުން[ އެއީ ވަރަށް ހިތާމަހުރި ކަމެއް" ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ އެހެން އޮފީހަކަށް ބަދަލުކޮށްލީމަ އަޅުގަނޑު އިސްތިއުފާދޭނެ ކަމަށް ހީކުރަންޏާ އެއީ ގޯހެކޭ. އަދި ބޯޑާ ކޮންޓްރޯލް ސިސްޓަމް އެހެން ބަޔަކާ ހަވާލުކުރަން ބަދަލުކުރަންޏާ އެއީ ވެސް ގޯހެކޭ." ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދަށް ނިސްބަތްވެވަޑައިގަންނަވާ އިލްޔާސް ވިދާޅުވި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އިލްޔާސް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ބަދަލުކުރައްވައި، އެތަން މިހާރު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން އަބްދުﷲ ޝާހިދަށް ކޮންޓްރޯލާގެ މަގާމު ދެއްވުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ. އަދި މަގާމުގެ ޗިޓު ދެ ބޭފުޅުންނަށް މިއަދު ފޮނުއްވާނެ ކަމަށް ވެސް އެނގިފައިވެ އެވެ.