މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގެ ދަރިވަރުންތެރެއިން 23 ދަރިވަރަކު އެއްވަނަ ހޯދައިފި އެވެ.

ވޭތުވެ ދިޔަ އަހަރުގެ ޖީސީއީ އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުން ރާއްޖެއިން އެއްވަނައަށް 23 ދަރިވަރުން އައިސްފައިވާއިރު ގަދަ 10 ގައި 175 ދަރިވަރުން ހިމެނިފައިވެ އެވެ.

އޭލެވެލް އިމްތިހާނުން ގަދަ ދިހައަކަށް އައި ދަރިވަރުންގެ ތެރެއިން 137 ދަރިވަރުންނަކީ މާލޭގެ ސްކޫލުތަކުން ތައުލީމު ހާސިލު ކޮށްފައިވާ ދަރިވަރުންނެވެ. އަދި ބާކީ 38 ދަރިވަރުންނަކީ އަތޮޅުތެރެއިން ތައުލީމު ހާސިލް ކޮށްފައިވާ ދަރިވަރުންނެވެ.

އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގެ ގަދަ 10 ހިމެނުނު ދަރިވަރުން-- ސަން ފޮޓޯ ފަޔާޒު މޫސާ

އޭލެވެލްގެ އިމްތިހާނުގައި މިދިޔަ އަހަރު 11 ދަރިވަރަކަށް އެކައުންޓް އިން 100 އިންސައްތަ ނަތީޖާ އެއް ހޯދާފައިވެ އެވެ. މިރޭ ބޭއްވި ރަސްމިއްޔާތުގައި އެކުދިންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އަދި ވަކިވަކި މާއްދާ ތަކުން 16 ދަރިވަރަކަށް އެއްވަނަ ލިބިފައިވާއިރު ހަ ދަރިވަރަކަށް ވަނީ އިންޓަނޭޝަނަލް އެޑްވާންސް ލެވެލްގެ ވަނަތަކެއް ލިބިފައެވެ.

ވޭތުވެ ދިޔަ އަހަރު ރާއްޖޭގެ 45 ސްކޫލަކުން 1825 ދަރިވަރަކު ބައިވެރިވެފައިވާއިރު އެ އިން 1084 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ.

ވޭތުވެ ދިޔަ އަހަރު އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން 78 އިންސައްތަ ދަރިވަރުންނަކީ "އީ" ގްރޭޑަށްވުރެ މަތިން ލިބިގެން ފާސްވެފައިވާ ކުދިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ. ވަކި ވަކި މާއްދާތަކަށް ބަލާއިރު ދިވެހިން 2.2 އިންސައްތައިގެ ކުރިއެރިމެއް އައިސްފައިވާއިރު ބަޔޮލޮޖީ އާއި އެކޮނޮމިކްސް އިން ވަނީ 2013 އަށްވުރެ ނަތީޖާ ދަށްވެފަ އެވެ. ނަމަވެސް ބިޒްނަސް ސްޓްރީމް އާއި ސައިންސް ސްޓްރީމްގެ ބާކީ މާއްދާތަކުން ވަނީ 2013 ވަނަ އަހަރަށްވުރެ ކުރިއެރުމެއް އައިސްފައެވެ.

މާޗު 31، 2015: މިދިޔަ އަހަރުގެ މަތީ ސާނަވީ ތައުލީމުން ވަނަވަނައަށް އައިސްފައިވާ ދަރިންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން – ސަން ފޮޓޯ/ފަޔާޒު މޫސާ