01 Apr 2015, 00:01
މިއަދު ހަވީރު އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްމި 16 އަހަރުގެ ފިރިހެން ކުއްޖާއަށް އިތުރަށް ފަރުވާދިނުމަށް މާލެއަށް ފޮނުވާލަން އުޅެނިކޮށް ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަލީ މޫސާ "ސަން"އަށް މިރޭ ވިދާޅުވީ އެކްސިޑެންޓުވީ ތިން މީހުންގެ ތެރެއިން ހިތަދޫ، ސޭވާ، މުހައްމަދު އަޔާދު، 16، އާއި ހިތަދޫ މެރިން ގޮލްޑްއާގޭ، ސައިފުﷲ އަލީ، 18، އަށް އިތުރު ފަރުވާދިނުމަށް މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާޑްކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިރޭ 11:00 ގައި އެ ފްލައިޓުން އެ ދެމީހުން މާލެއަށް ގެންނަން "ހުރިހާ ކަމެއް ހަމަޖެހިފައިވިޔަސް" އަޔާދުގެ ހާލު ސީރިއަސް ވުމުން މާލެއަށް ފޮނުވާ ނުލައި އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ.
އެގޮތުން އޮފިޝަލް ވިދާޅުވީ އަޔާދުގެ ބޮލަށް ސީރިއަސް ޒަހަމަތަކެއް ވެފައިވާ ކަމަށާއި "އިންޓާނަލް ބްލީޑިން" ފަދަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
މިއަދުގެ އެކްސިޑެންޓު ހިނގި އިރު އެއް ސައިކަލު ދުއްވަން އިނީ 16 އަހަރުގެ އަޔާދު އެވެ. ދެވަނަ ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ސައިފުﷲ އެވެ. އޭނާގެ ފަހަތުގައި ސައިކަލުގައި އިނީ 16 އަހަރުގެ އަންހެން ކުއްޖެކެވެ.