ތިމާގެ އަމިއްލަ އެދުމަށް ވުރެ، ރަނގަޅު ހަމަތަކާ އުސޫލުތައް އިސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މަތީ ސާނަވީ ތައުލީމުން ވަނަވަނައަށް އައިސްފައިވާ ދަރިންނަށް އެވޯޑު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ރަނގަޅު ތައުލީމެއްގެ ބޭނުމަކީ ރަނގަޅު ހަމަތަކާ އުސޫލުގެ އިތުރުން "ތިމާގެ އަގީދާ އާއި ގައުމިއްޔަތު އިސްކުރުން،" ކަމަށެވެ.

"ތައުލީމު އުނގެނުމުގެ މަގުސަދުތަކެއް އެބައޮތް. އެ މަގުސަދުތައް ހަނދާން ކުރަން އެބަޖެހޭ. އެ މަގުސަދަކީ ތިމާގެ އަމިއްލަ ޖާހަތާ ތިމާގެ އަމިއްލަ އުފާ ގައުމުގެ މައްޗަށް އިސްނުކުރުން ތިމާގެ އުސޫލު އިސްނުކުރުން ތިމާގެ ގަބޫލު ކުރާ ހަމަތަށް އިސްކުރުން ގައުމަށާއި ދީނަށާއި އެ ދީނުގެ އަސާސްތަކުގައި ހިފެހެއްޓުން. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ދުނިޔޭގެ ކާމިޔާބީތައް އައިސްފައިވާ ގޮތް،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ޖަމީލް ވިދާޅުވީ ކޮންމެ އިންސާނަކީ ވެސް މި ދުނިޔެ ދޫކޮށް ދާނެ މީހެއް ކަމަށާއި ނަމަވެސް ފަހު ވަގުތުގައި ވެސް އެ މީހަކު ހެޔޮ ކަމެއް ގައުމަށް ކޮށްދީފައިވާނަމަ އެކަން ގައުމު ހަނދާން ކުރާނެ ކަމަށެވެ. އަދި މަރުވެގެންދާ ވަގުތު ތިމާގެ ތަނަވަސްކަން ފިލައިގެން ދާނެ ކަމަށާއި ތަނަވަސްކަން ހޯދުމަށް ވުރެއް ގައުމަށް ކޮށްދެވޭނެ ކަންކަމާ މެދު ވިސްނުން މާ ރަނގަޅު ކަމަށް ނައިބު ރައީސް ޖަމީލު ވިދާޅުވި އެވެ.

"ކޮންމެ ދަރިވަރަކީ ވެސް ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ކޮންމެ ރައްޔިތަކަށް ވެސް ހީވާގީ ކަމާއެކު އަޒުމް ކަނޑައަޅާ ދަރިވަރަކަށް ހަދަމާ ހިނގާށޭ. އަޅުގަނޑުމެންގެ ކޮންމެ ދަރުވަރަކީ ގައުމުގެ އިގްތިސާދު ބައްޓަން ކުރުމުގައި ރާއްޖޭގެ އިޖްތިމާއީ ހަމަޖެހުން ގާއިމް ކުރުމުގައި ހީވާގީ ކަމާއެކު އަތުކުރި އޮޅާލައިގެން މަސައްކަތް ކުރާ ކުއްޖަކަށް ވަމާ ހިނގާށޭ. އަޅޫގަނޑުމެންގެ ކޮންމެ ދަރިވަރަކީ ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް އައިސްފައިވާ ހަމަޖެހުން ގާތުން ބަލައި އެ އުފާވެރިކަން އިހުސާސް ކުރެވެމުންދާ ދަރިވަރަކަށް ވީ ހިނދު މި ރާއްޖެއަކީ ވެސް އެ މަގުން ހިނގާ ތަނަކަށް ހަދަމާ ހިނގާށޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއަރަމުންދާ ކަމަށް ވިދާޅުވެ ނައިބު ރައީސް ވިދާޅުވީ އެއީ ގައުމަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ތައުލީމަކީ އިގްތިސާދީ ގޮތުން ގައުމެއް ކުރިއެރުވުމަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ތައުލީމަކީ އިޖުތިމާއީ ގޮތުން މުޖުތަމައުގެ ހަމަޖެހުމަށްޓަކައި އޮންނަ ސިއްރު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އުފެއްދުންތެރިކަމާ ހަލުވި ދުވެލީގައި ދުވާ އިގްތިސާދެއްގެ ސިއްރަކީ ކޮބައިތޯ. ޖަވާބަކީ އެންމެ ކަމެއް. އެއީ އިލްމު އެއީ ތައުލީމު. އެހެންވީމަ އަޅުގަނޑުމެން އުފާކުރަންވީ. ރާއްޖޭގެ ތައުލީމު އެއް ދުވަހުން އަނެއް ދުވަސް ކުރިއަރަމުން އަންނާތީ،" ނައިބު ރައީސް ވިދާޅުވި އެވެ.