31 Mar 2015, 22:10
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މުއާސަލާތީ ކުންފުނި ދިރާގުން، 100 އެމްބީޕީއެސް ގެ ސްޕީޑާއެކު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހުޅުމާލެއަށާއި މާލެއަށް ތައާރަފުކޮށްފި އެވެ.
ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމުގައިވާ ފައިބާ ބްރޯޑްބޭންޑް ގެ ހިދުމަތާއެކު ދިރާގުން ވަނީ އެކަމަށް ހާއްސަ ދެ ޕެކޭޖެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ދެ ޕެކޭޖަކީ "ފައިބާ 100އެމް" އާއި "ފައިބާ 50އެމް" އެވެ.
ފައިބާ 100އެމް ޕެކޭޖުގެ ދަށުން 100 އެމްބީޕީއެސް ސްޕީޑްގައި އަންލިމިޓެޑް އެލަވަންސެއްގެ ގޮތުގައި އިންޓަނެޓް ލިބޭއިރު އެ ޕެކޭޖުގެ އަގަކީ 4990 ރުފިޔާ އެވެ. އަދި ފައިބާ 50 އެމް މެދުވެރިކޮށް 50 އެމްބީޕީއެސްގެ ސްޕީޑުގައި އަންލިމިޓެޑް އެލަވަންސެއް ގޮތަށް އިންޓަނެޓް ލިބޭއިރު އެ ޕެކޭޖުގެ އަގަކީ 3500 ރުފިޔާ އެވެ. އޭގެ އިތުރުން ފެއާ ޔޫސޭޖް އެލަވަންސްގެ ގޮތުގައި 'ފައިބާާ 100އެމް' އަށް 350ޖީ.ބީ އަދި 'ފައިބަރ 50އެމް' 220ޖީބީ ލިބޭއިރު އެލަވަންސް ހަމަވުމުން އިތުރަށް އެއްވެސް ޗާޖެއް ނުކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ޕެކޭޖުތަކަކީ ވަކިން ހާއްސަކޮން ގޭގޭގައި ބޮޑު ޑޭޓާ އެލަވަންސަކާ އެކު، މަހުބިލަށް ބަދަލެއްނައިސް އެންމެ ހަލުވި އިންޓަނެޓު ބޭނުން ކުރެއްވުމަށް ބައްޓަން ކުރެވިފައިވާ ޕެކޭޖުތަކެކެވެ. އަދި އެ ޕެކޭޖުތައް ފަރުމާކުރެވިފައި ވަނީ އަވަސް ސްޕީޑުގައި ޑައުންލޯޑު ކުރުމަށާއި، އޮންލައިންކޮށް ހަލުވި ސްޕީޑުގައި ގޭމު ކުޅުމަށާއި، އަވަސް ސްޕީޑުގައި އަޕްލޯޑުކުރުމަށާއި، އޮންލައިންކޮށް ސްޓްރީމް ކުރުންފަދަ ބޭނުންތަކަށް އަމާޒުކޮށްގެން ކަމަށް ދިރާގުން ބުންޏެވެ.
"މި ޕެކޭޖުތަކަކީ އެއްބޭފުޅަކަށް ވުރެން ގިނަ ބޭފުޅުން އެއްފަހަރާ އަވަސް އިންޓަނެޓް ބޭނުން ކުރެއްވުމަށާއި، އިންޓަނެޓުގެ ހިދުމަތް އެއްފަހަރާ ތަފާތު ޒަމާނީ އާލަތްތައް ބޭނުން ކުރައްވައިގެން ހޯއްދެވުމަށް ވަރަށް އެކަށިގެންވާ ޕެކޭޖުތަކެއް. މިވަގުތު ރާއްޖޭގައި ގޭގެއަށް އެންމެ އަވަސް އިންޓަނެޓް ޕޯރުކޮށްދޭ ގޮތައް ފަރުމާކުރެވިފައިވާ ޕެކޭޖުތަކަކީ 'ފައިބަރ 100އެމް' އަދި 'ފައިބަރ 50އެމް'،" ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
ދިރާގު އެސިސްޓަން މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ، ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށާއި އެ ހިދުމަތާއެކު ދިރާގުން ރާއްޖޭގައި މިވަގުތު ލިބޭ އެންމެ ހަލުވި އިންޓަނެޓު ސްޕީޑުވެސް ލިބިގެންދާނެ ކަމަށެވެ. މި ޕެކޭޖުތަކަކީ އަވަސް ސްޕީޑުގައި ޑައުންލޯޑު ކުރުމަށާއި އަޕްލޯޑުކުރުމަށާއި، އޮންލައިންކޮށް ގޭމު ކުޅުމަށާއި ސްޓްރީމް ކުރުމަށް ވަރަށް ފުރިހަމަ ޕެކޭޖުތަކެއް ކަމަށް އިމްޖާދު ވިދާޅުވި އެވެ.
ޕެކޭޖުތަކުގެ ހިދުމަތް މިވަގުތު ހުޅުމާލެ އާއި މާލެއަށް ލިބުނު ނަމަވެސް ލިބޭ ތަރުހީބަށް ބަލައި އަތޮޅުތަކަށް ވެސް ހިދުމަތް ފުޅާ ކުރާނެ ކަމަށާއި އެ ހިދުމަތަށް ހޯއްދެވުމަށް ދިރާގު ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮން ނުވަތަ ދިރާގު ކަސްޓަމާ ޕްރަންޓް އޮފީހަށް ޒިޔާރަތް ކުރައްވައިގެން ހޯދޭނެކަމަށް ދިރާގުން ބުނެއެވެ.
ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ ހާއްސަ މޮޑެމް (އޮޕްޓިކަލް ނެޓްވާކް ޓާމިނަލް) ވެސް ދިރާގުން ލިބިވަޑައިގަންނަވާނެ އެވެ.