ޕައިރޭޓްސް އޮފް ދަ ކެރީބިއަންގެ ފަސްވަނަ ސިލްސިލާ "ޑެޑްމެން ޓެލް ނޯ ޓޭލްސް"ގެ އުފެއްދުމަށް ހުއްޓުމެއް އައުމަށްފަހު އެޕްރީލް 15ގައި މިވަނީ އޮސްޓްރޭލިއާގައި ޝޫޓިންތައް ފެށުމަށް ހަމަޖެހިފައެވެ. އެހެން ނަމަވެސް ޖޮނީ ޑެޕްގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އެމެރިކާއަށް އަނބުރާ ގޮސް އަތުގެ ސާޖަރީއެއް ކުރުމަށް މި ފިލްމުގެ މަސައްކަތް އެތަށް ހަފްތާތަކަށް ހުއްޓާލަން ޖެހުނެވެ.

ހޮލީވުޑްގެ ރިޕޯޓަރަކާ ހަވާލާދީ މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާ ގޮތުގައި ޑެޕްގެ އަތަށް ލިބުނު ގެއްލުމުގެ ސަބަބުން މާބޮޑު ލަސްކަމެއް ފިލްމު އުފެއްދުމަކަށް ކުރިމައްޗެއް ނުވާނެއެވެ. އެހެންނަމަވެސް ދެ ހަފްތާ ވާނެ ކަމަށް ބެލި މުއްދަތު ފަހަނައަޅައި ގޮސް މި ފިލްމުގެ އުފެއްދުން ހަތަރު ހަފްތާއަށް މިވަނީ ހުއްޓިފައެވެ.

މިއީ މާޗް މަހު ހިނގި އެކްސިޑެންޓެއްގެ ސަބަބުން ޑެޕްގެ އިނގިއްޔަކަށް ޕިނެއް ލެއްވުމަށް ކުރެވުނު ސާޖަރީއެކެވެ.

ޕައިރޭޓްސްގެ ސިލްސިލާތަކުގައި މަޝްހޫރު ކެޕްޓަން ޖެކް ސްޕެރޯގެ ރޯލު އަދާކުރަމުން އަންނަ ޖޮނީ ޑެޕަކީ ޕައިރޭޓްސް އޮފް ކެރީބިއަންގެ މައިގަނޑު ބަތަލެވެ.

ޑެޕްގެ އަތަށް ލިބުނު ގެއްލުމާއި އެކު މިފިލްމުގައި ހަރަކާތްތެރިވާ 400 އެއްހާ ކްރޫއިންނަށް ވަނީ ފިލްމުގެ މަސައްކަތް ދެ ހަފްތާއަށް މެދުކެނޑުނު ވާހަކަ އަންގާފައެވެ. އެހެންނަމަވެސް މިހާރު މިވަނީ ހަތަރު ހަފްތާއަށް ފިލްމުގެ މަސައްކަތްތަށް ހުއްޓާލެވިފައެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 7 ޖުލައި 2017 ގައެވެ.