ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްގެ އަމިއްލަ ލަވަ އަލްބަމެއް ވަރަށް އަވަހަށް ލޯންޗްކުރަަން ނިންމައިފި އެވެ.

"ހަމްޓީ ޝަރްމާ ކީ ދުލްހަނިއާ" މި ފިލްމުގައި "ސަމްޖާން" މި ލަވައިގެ އެކޯސްޓިކް ވާޝަން އިން ސަޕޯޓަރުންނަށް އާލިއާގެ ލަވަ ކިޔުމުގެ ހުނަރުވަނީ އެނގިގެން ގޮސްފައެވެ.

އަބަދުވެސް ލަވަ ކިޔުމަށް ޝައުގުވެރިކަން ހުންނަ އާލިއާ ބަޓް އުންމީދު ކުރަމުންދަނީ އޭނާގެ 25 ވަނަ އުފަންދުވަހުގައި ފުރަތަމަ ލަވަ އަލްބަމް ލޯންޗްކުރުމަށެވެ. އެކަމަކު މިއީ ކައިރި މުސްތަގްބަލެއްގައި އަދި އަޑުއިވިގެންދާނެ ލަވަތަކެއް ނޫނެވެ.

މިހާރު އާލިއާގެ އުމުރުން އެންމެ 22 އަހަރެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާގެ ލަވަ ކިޔުމުގެ ހުވަފެން ހަގީގަތަކަށް ވީފަދައިން އާލިއާގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ މި ހުވަފެނުގައި ކުލަ ޖެހިގެން ދިޔުމެވެ. ޒުވާން މި ތަރިއަކީ މިހަައަރު ތެރޭގައި ފިލްމުތަކުގައި އެންމެ ގިނައިން ފެންނާނެ އެންމެ ޒުވާން އަންހެން ފަންނާނެވެ.

އާލިއާ ބަޓް މިހާރުވެސް އަންނަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި އަބީޝޭކް ޗައުބޭ އުފައްދާ ފިލްމް " އުޅްތާ ޕަންޖާބް"، ކަރަން ޖޯހަރްގެ "ކަޕޫރު އެންޑް ސަންސް" ގެ އިތުރުން ވިކާސް ބަހްލްސްގެ "ޝާންދާރ" ހިމެނެއެވެ. އުޅްތާ ޕަންޖާބުގައި އާލިއާގެ އިތުރުން ޝާހިދު ކަޕޫރު އަދި ކަރީނާ ކަޕޫރުޚާން ވެސް ހަރަކާތްތެރިވެއެވެ. ކަޕޫރު އެންޑް ސަންސްގައި އާލިއާއި އެކު ސިދާތު މަހޯތުރާ އަދި ފަވާދް ޚާން ބައިވެރިވެއެވެ.