31 Mar 2015, 19:00
އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް ޢަލީ މިރޭ "ސަން" އަށް ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި ދުއްވަން އިނީ 18 އަަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
"އެ ކުއްޖާއަކަށް ބޭރު ފުށަކުން މާބޮޑެތި އަނިޔާތަކެއް ވެފައި ހުރިކަމަކަށް ފާހަގައެއް ނުކުރެވޭ. އެހެންނަމަވެސް ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނޭ. އަދި އެކުއްޖާ ވަގުތުން މާލެ ގެންދިއުމަށް ޑޮކްޓަރުން މިހާރު ވަނީ ލަފާދީފައި،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނެއް ސައިކަލުގައި ތިބީ ދެ މީހުން ކަމަށެވެ. އެ ދެމީހުންގެ ހަށިގަނޑުން އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެ މީހުންނަށް މިހާރު ވެސް އަންނަނީ ފަރުވާ ދެމުން ކަމަށާއި އަދި ސީރިއަށް ހާލަތުގައި އޮތް ކުއްޖާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.